މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މާފަށް އެދިވަޑައިގެންފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސްއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ ވަނީ ދާއިރާގެ މެންބަރުންނަށް މެސެޖެއް ފޮނުއްވައިފަ އެވެ.
އަސްމާގެ މި މެސެޖާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒު ވަރަށް ބޮޑަށް ކޯފާވެ، އަސްމާއަށް ހަރުކަށި ފިޔަވަޅު ވެސް އެޅުއްވި އެވެ.
އެގޮތުން ރައީސް މުއިއްޒުގެ ހަރުކަށި އެންގެވުމަކަށް އަސްމާއަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އަސްމާ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް މަޖިލީހުގެ ދަތުރެއްގައި ދެން ނުފޮނުވޭނެ ކަން އެންގުން ހިމެނެ އެވެ. އަދި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ”ހުރިހާ“އަށް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން ވެސް އޭނާ ވަކިުރި އެވެ.
ރައީސް މުއިއްޒުގެ ޕްރެޝަރާއި ހުރެ އެންމެ ފަހުން އަސްމާ ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ފޮނުވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލު ކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.
”އަޅުގަނޑު ފޮނުވި މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާ ނަމަ، ނިހާޔަތަށް މާފަށް އެދެމެވެ،“ އަސްމާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްމާގެ މެސެޖާ ގުޅިގެން ރައީސްގެ ބައްދަލުވުންތަކާ މެދު ނުބައި ތަސައްވަރުރެއް އާންމުންގެ މެދުގައި އުފެދިފައިވާތީ މާފަށް އެދެން ރައީސް ވަނީ އަންގަވައިފަ އެވެ.
އަސްމާގެ މެސެޖާ ގުޅިގެން ރައީސް، މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ހަވާލުކުރަން އޮތް ނަމަ ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.
”މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވަން،“ މެމްބަރުން ތިއްބަވާ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވި ކަމަށް ވެ އެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވި ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.

































