ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީޒް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކޮށްފިއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އައުޓްލުކް މޫޑީޒް އިން ”ސްޓޭބަލް“ އަށް ބަދަލުކުރީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒުކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު، ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަން ފެށުމުންނެވެ.
ބޭރުގެ ދަރަނީގެ އިތުރުން، އެތެރޭގެ ދަރަނި އިތުރުވަމުންދާކަން ފާހަގަކޮށް މޫޑީސް އިން ވަނީ، އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން ރާއްޖޭގެ ފިސްކަލް ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ޖީޑީޕީގެ ނިސްބަތުން އެފަދަ ދަރަނި 40 އިންސައްތައަށް މިހާރުވެސް އަރާފައިވާކަމަށް މޫޑީސްއިން ބުންޏެވެ.
މީގެއިތުރުން، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާއަށްވުރެ، ދިވެހި ރުފިޔާގެ ޢަދަދު އިތުރުވަމުންދާތީވެސް މޫޑީސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ދައުލަތުގެ ޚަރަދުތައް ބައްޓަން ކޮށްފައިވާތީ، ޚަރަދުތައް ހަމަޖައްސަން ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ޙާލަތު ދަށްވެ، ރާއްޖޭގެ ފައިނޭންސް ޙާލަތު އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައިކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންވެސް އައީ ބުނަމުންނެވެ.
އެހެންކަމުން، އެގޮތަށް ބޭރު ފައިސާ އިން ނަގާފައި ހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި ޢަދަދުތަކުން ހޭދަކުރަން ޖެހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ދައުލަތުގެ ރަސްމީ ރިޒާވް ފަހުގެ ތާރީޚެއްގައި ނުވާ ވަަރަށް ހީނަރުވެގެންދިޔުމެވެ. އެ ޙާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ތަންފީޒުކުރަން ފަށާފައެވެ.
މޫޑީޒް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޭޓިންގ އަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، މެކްރޮފިސްކަލް ޙާލަތު ރަނގަޅުވުން ކަމަށެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖަޢާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ޤަވާއިދު ތަންފީޒު ކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
މީގެއިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާ އެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް އެ ޢަދަދު 126 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން މޫޑީޒްއިން ވަނީ ފާހަގަކޮށްފައެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކޮންޓްރޯލްކޮށް، މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.
ހަމައެއާއެކު، މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިޤުތިޞާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއް ނެތި، ބާރުމިނުގައި އިޤުތިޞާދު ކުރިއަރަމުންދާކަމަށްވެސް މޫޑީސް އިން ބުންޏެވެ. އެގޮތުން، ރާއްޖޭގެ އިޤުތިޞާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ޓޫރިޒަމްގެ ސިނާއަތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޢަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 10 އިންސައްތަ އިތުރުވެ، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭ ގެ ޢަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.2 އިންސައްތަ ކުރިއަރާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އަންނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިޤުތިޞާދަށް ނޭދެވޭ އަސަރު ނުކުރާނެ މިންވަރަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެއާއެކު، އަންނަ އަހަރު މެޗުއާވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެންދަންވެސް ސަރުކާރުން ވަނީ ރާވާފައެވެ.

































