ދަނޑުވެރިކަމާ ގުޅޭ ކަންކަމަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހަދަން ނިންމާފައިވާ ގައުމީ ލެބޯޓަރީ ވަގުތީ ގޮތުން ހިންގާނެ އޮފީސް އިމާރާތެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ ތަނެއް ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ގައުމީ ލެބް ހިންގަން އޮފީސް އިމާރާތެއް ކުއްޔަށް ހޯދަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެގްރިކަލްޗަ މިނިސްޓްރީން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު 3309331 އަދި 3309333 އިން ހޯދޭނެ ކަމަށެވެ.
ގައުމީ ލެބް ވަގުތީ ގޮތުން ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދަން އިއުލާންކުރި އިރު، އެ ލެބް ބިންގާ އެޅީ ޑިސެންބަރު 28، 2022 ގަ އެވެ.
ފުވައްމުލަކުގައި ހަދަން ނިންމާފައިޗާ ދަނޑުވެރިކަމާ ގުޅޭ ލެބަކީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ލެބެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން އެ ޖަމިއްޔާ އިން ތަންފީޒުކުރާ ”ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ“ ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި ލެބް މައިގަނޑު ގޮތެއްގައި ހާއްސަކުރެވެނީ ހަތަރު ކަމަކަށެވެ. އޭގެ ތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަކުރެވޭނެ ގޮތްތައް ހޯދުން ހިމެނެ އެވެ.
މި ލެބް އަންނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބުނެފައިވެ އެވެ.
މިނިސްޓްރީގެ ނައިބު އިސްމާޢީލް މުޙައްމަދު ވިދާޅުވެފައި ވަނީ އަމާޒަކީ ލެބްގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުން ކަމަށެވެ.
”ލެބޯޓަރީގެ އިމާރާތުގެ މަސައްކަތް ވަނީ ޙަވާލުކުރެވި މަސައްކަތް ފެށިފައި. ދެން އަޅުގަނޑުމެން ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާފަ މިހާރު ފުވައްމުލަކަށް ފޮނުވާފައި އޮންނާނީ، އޭނަ ވިދާޅުވި އެވެ. ”މިހާރު އޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި އަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތް ފެށުމަށް.“
އިސްމާއީލް ވިދާޅުވެފައި ވަނީ ލެބޯޓަރީގެ ހިދުމަތް ފަށަންވާ އިރަށް އެތަނަށް ބޭނުންވާ މީހުން ވެސް ތަމްރީނު ކުރާނެ ކަމަށެވެ.

































