ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެ މީހުންގެ ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފި އެވެ.
އެ ބޭންކް މެދުވެރިކޮށް ކުރިން 1،000 ޑޮލަރު އިންޑިއާ އަށް ފޮނުވެއެވެ. ނަމަވެސް ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަމާއ ހެދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެ ފަހުން 400 ޑޮލަރަށް ދަށްކުރިއެވެ. އޭގެ ފަހުން އެ އަދަދު 150 ޑޮލަރަށް ވެސް ދަށް ކުރިއެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. އަދި މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތަކެއް ވެސް ކުރި އެވެ.
އެސްބީއައި އިން ބުނީ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް މިހާރު 300 އަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ބަދަލަށް މިއަދުން ފެށިގެން ވަނީ އަމަލު ވެސް ކުރަން ފަށައިފަ އެވެ.
އެސްބީއައިން ވަނީ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިންޑިއާ މުވައްޒަފުންގެ މުސާރަ އެ ބޭންކަށް ޖަމާކުރަން އެދިފަ އެވެ.

































