ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުއްވި، އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އިބުރާހީމް ސަނާހު (ސަންޓޯ) ޕީއެންސީގެ ސެނެޓު މެންބަރުކަމުންްނާއި ޕީއެންސީގެ މެމްބަރުކަމުން ކުއްލި ގޮތަކަށް ވަކިވެއްޖެ އެވެ.
ޕީއެންސީން ވަކިވުމަށް ފަހު ސަނާހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.
ޕީއެންސީގެ މެންބަރުކަމުން ސަންޓޯ ވަކިވީ ސީދާ ކޮން ސަބަބަކާހުރެ ކަމެއް އޭނާގެ ޕޯސްޓުގައި ހާމަކޮށްފަ އެއް ނުވެ އެވެ.
ސަންޓޯއަކީ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ބޭފުޅާ އެވެ. އެ ދާއިރާގެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ދާއިރާ ޕީއެންސީ ޓިކެޓު މުއިއްޒު ދެއްވީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި، އެ ދާއިރާގެ މިހާރުގެ މެންބަރު، އަހުމަދު ރިޔާޒު އަށެވެ.
ޕީއެންސީގެ ލީޑަޝިޕާއި ސަނާހުއާ ދެމެދު ފުރަތަމަ ނުތަނަވަސްކަމެއް އުފެދުނީ އެ ސަބަބާހުރެ އެވެ. ޕީއެންސީގެ ޕްރައިމަރި ކާމިޔާބު ކުރައްވާފައި ވަނިކޮށް، އަމިއްލަ ކެންޑިޑޭޓަކަށް މުއިއްޒު ތާއީދުކޮށް، ތިމަރަފުށީގައި ހުންނަ ޕީއެންސީ ޖަގަހަ ރިޔާޒުގެ ކެމްޕޭނަށް ބޭނުން ކުރަން ފެށުމުން އެކަމާ ދެކޮޅަށް ސަންޓޯ އޭރު މުޒާހަރާ ވެސް ކުރި އެވެ.
ސަންޓޯއަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒަށް ހޯދައި ދެއްވުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި އެކަކެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ސަނާހުއަކީ ރައީސް މުއިއްޒުގެ ޕާސަނަލް އެސިސްޓަންޓު ވެސްމެ އެވެ.
އަޑުތައް ފެތުރިފައިވާގޮތުން ޕީއެންސީތެރޭގައި މިފަދަ އެތަކެއް ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމަށް ގެނައުމަށް ޖާނާއިމާލުން ގުރުބާންވި މަޖިލީޙުގެ ރައީސް އަބްދުއްރަހީމު ވެސް މިހާރު ހުންނަވަނީ ބާކީ ކޮށްލާފައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

































