މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ގެ ފަރަށް އަރައި އޭގެ ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށާ އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށް ވެސް ބުންޏެވެ. އެކަކު ވަނީ ގެއްލިފަ އެވެ. އެއީ ބިދޭސީ އެކެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއެއް ކަމަށާއި އެމީހާ މަރުބވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު ކާށިދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އަދި ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެމްޑީ އަލަމްގިރް އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.

































