ކިއުކަންބާ އަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. އަދި ލުއި ކާނާއެއްގެ ގޮތުގައި ވެސް ކިއުކަންބާ ކާ މީހުން އުޅެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރު ކުރުމުގައި ވެސް ކިއުކަންބާ ބޭނުން ކުރެއެވެ.
އެގޮތުން ސެލެޑްގެ ބާވަތްތަކާއި ސޭންޑްވިޗް ހިމެނެއެވެ. ކިއުކަންބާ އަކީ ހަމައެކަނި އަނގަޔަށް މީރު ތަރުކާރީ އެއް ނޫނެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ހަށިގަނޑަށް ކޮންމެ ދުވަހަކުމެ ބޭނުންނުވާ ނުހަނު ފައިދާ ހުރި ތަރުކާރީ އެކެވެ.
އެގޮތުން ކިއުކަންބާ އަކީ ހަނގަނޑު ރީތިކޮށް އޮމާންކޮށް ބަހައްޓަން ބޭނުންވާ ބޭފުޅުންނަށް ޚާއްސަ ބާވަތެކެވެ. ޚާއްސަކޮށް ފިރިހެން ބޭފުޅުންނަށް ވުރެ ބޮޑަށް ހަނގަޑު ރީހޮކޮށް ބެހެެއްޓުމަށް އިސްކަން ދެނީ އަންހެން ކަނބަލުންނެވެ.
ކިއުކަންބާ އަކީ ހަންގަނޑު ރީތި ކުރުމަށްޓަކައި ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެވެ. އޭގައި ހިމެނޭ ޕޮޓޭސިއަމް، މެގްނީސިއަމް އަދި ސިލިކާ ގެ ސަބަބުން ހަންގަނޑަށް ގިނަ ފައިދާތަކެއް ކުރެއެވެ. އެގޮތުން ލޯ ކައިރި ދުޅަވުން އަދި އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތައް ކިއުކަންބާ އިން ކުޑަ ކޮށްދެއެވެ.
މި ނޫންވެސް ކިއުކަންބާ އިން ލިއްބައިދޭ އެތައް ފައިދާތަކެއް ހުރެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބޯން ސިއްހަތާ ބެހޭ މާހިރުން އަބަދު ހަނދާން ކޮށްދޭ އިރުވެސް ގިނަފަހަރު ދުވަސް ނިމިގެން ދާއިރު މި ވަރަށް ފެން ނުބޮވެއެވެ. އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ތަފާތު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ މީހުން މަދެއް ނޫނެވެ. އެހެންކަމުން ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ކިއުކަންބާ ކެއުމުން މި ކަމަށް ހައްލެއް ލިބިދާނެއެވެ. އެގޮތުން އެކަށީގެންވާ ވަރަށް ކިއުކަންބާ ކެއުމުން ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ލިއްބައިދޭނެއެވެ. ސަބަބަކީ ކިއުކަންބާގެ 90 އިންސައްތައަކީ ފެން ކަމުގައި ވާތީއެވެ.
މީގެ އިތުރުން ކިއުކަންބާގައި ގިނަ އަދަދަކަށް ފައިބަރ ވެސް އެކުލެވިގެން ވެއެވެ. ފައިބަރގެ ސަބަބުން ކުޑަ ކަމުދިޔުމުގަައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ މީހުންނަށް މިކަން ވަރަށް ލުއި ކޮށްދެއެވެ.
މީގެ އިތުރުން ކިއުކަންބާގައި ހިމެނޭ އެންޒައިމް ތަކެއްގެ ސަބަބުން ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތައް ހަޖަމް ކުރުމަށް ވެސް ފަސޭހަ ވެގެންދެއެވެ. އޭގެ ތެރޭގައި މަހުގެ ތަފާތު ބާވަތްތައް ހިމެނެއެވެ.

































