ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަޖުވާ ’ލިންކްޑްއިން’ގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެކަމާ ގުޅޭ ގޮތުން ފުންކޮށް ވިސްނެވުމަށްފަހު، ޕެންޝަން އޮފީހަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ޕެންޝަން އޮފީހުގެ މާލީ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަޖުވާ އިސްތިއުފާ ދެއްވިއިރު، މިދިޔަ މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭއާ އެކު ކުރާ ބޮންޑު ވިއްކުމުގެ މުއާމަލާތަކީ ގާނޫނީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.

































