ދ. އަތޮޅު ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެދި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް މައްސަލަ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ދ. އަތޮޅު ކައުންސިލްގެ ރައީސާއި އެސް.ޖީ، ސިވިލް ސާވިސްގެ ވަޒީފާތައް އިއުލާނު ކުރުމުން، އެ ދެމީހުން ބޭނުންވާ ފަރާތްތައް ކުރިމަތި ނުލައިފިނަމަ، އެ އިއުލާނަށް މީހުން ނުނަގައި ބާއްވާ ކަމަށެވެ. އަދި، އެ އަހަރަށް ކުރަން ރާވާފައި ނުވާ ކަންތައްތަކަށް، އެ ދެމީހުން ބޭނުންވާ ވަގުތަކު އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދުކުރަމުންދާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އަދި ކައުންސިލް ބަޖެޓުން އަމިއްލަ ބޭނުންތަކަށް މާލެއަށް ދަތުރުކޮށް، އެއީ ރަސްމީ ދަތުރުތަކެއް ކަމަށް ދައްކައި ކޮއްތާއި ހުރުމުގެ އެލަވަންސް ނެގިކަމަށާއި އަތޮޅު ކައުންސިލަށް ނިސްބަތްވާ ރަށެއްގެ 21 އަހަރުގެ ކުލި އެއްފަހަރާ ނަގައި އަމިއްލަ ފައިދާއަށް ކުއްޔަށް ދިނުމާއި، ގާނޫނާ ހިލާފަށް ދ. ހޮޅުވެހި ފަޅުރަށް 10 އަހަރަށް ކުއްޔަށް ދިން ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލްގެ ހަރު މުދާ ކަމަށްވާ އަތޮޅު ލޯންޗު، އެ ދެމީހުންގެ އަމިއްލަ މަންފާއަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުވެސް ވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ ސިޓީގައި ހިމަނާފައެވެ.
އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފާހަގަކުރެވުނު ކަންތައްތައް ކޮމިޓީއަށް އެންގުމަށް އެދި އޭސީސީއާއި އެލްޖީއޭއަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.

































