އިދިކޮޅު އެމްޑީޕީން ރޭގައި މާލޭގައި ކުރި މުޒާހަރާއަކީ ނިރުބަވެރި ހަރަކާތެއް ކަމަށް ވިދާޅުވެ، އެ ހަރަކާތް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުށްވެރި ކުރައްވައިފިއެވެ.
ނައިބު ރައީސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުލްހަވެރި އިހްތިޖާޖްގެ ނަމުގައި ގައުމުގެ ސުލްހަމަސްލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވެސް ވަނީ ރޭގެ މުޒާހަރާގައި ހިންގާފައިވާ ގާނޫނާ ހިލާފު ހަރުކަށި ހަރަކާތްތައް ކުށްވެރިކޮށްފައެވެ.
ނައިބު ރައީސް ވިދާޅުވީ، ރޭގެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި ހިޔާލުފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ، މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ.
ޕީއެންސީން ވެސް ވަނީ ރޭގެ އެއްވުމުގައި ހަމަނުޖެހުން ހިންގާފައިވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

































