ހުޅުމާލެ ސަހަރާގައި 24 މީހުންގެ ހަށިގަނޑު ލެވޭ ވަރުގެ މޯޗަރީއެއް ތަރައްޤީ ކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލިބިއްޖެ ކަމަށް މާލޭ ސިޓީ ކައުންސިލްއިން މިއަދު ހާމަކޮށްފިއެވެ.
މާލޭ ސީޓީ ކައުންސިލް އިން ބުނީ، މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ޖާގަ މާ ބޮޑަށް ކުޑަވުމުގެ ސަބަބުން، މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 24 މީހުންގެ ހަށިގަނޑު ލެވޭ ވަރުގެ މޯޗަރީއެއް، ހުޅުމާލޭގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދިފައިވާ ކަމުގައެވެ.
ސިޓީކައުންސިލް އިން ބުނީ، ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މި މޯޗަރީއަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއްކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ކެޕޭސިޓީއަކީ 12 ޖާގަކުމުގައެވެ. އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ވީރާނަވާން ފަށާފައިވާކަމުގައެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުން މި އައު މޯޗަރީ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ދެ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނަކާ ވެސް އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފޮރޮޅު ލީ ގޮނޑީގައި ވަދެވޭގޮތަށް ކަމަށެވެ. އަދި މި ޢިމާރާތުގައި، އޮފީހަކާއި، ވެއިޓިން އޭރިއާއެއްގެ އިތުރުން، ފާހާނަ ބަރިއެއް ވެސް ތަރައްޤީ ކުރެވިގެން ދާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ހުޅުމާލެ ސަހަރާގެ ދެކުނު ފަރާތުގެ ބޮޑުމަގުން، އެމްބިއުލާންސަށް ވަދެވޭގޮތަށް ތަރައްޤީ ކުރާ މި މޯޗަރީގެ ބޮޑުމިނަނީ 2000 އަކަފޫޓެވެ. އަދި މޯޗަރީ ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުމަށް އަންނަ ހަފްތާ އިޢުލާން ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ހުޅުމާލެއަށް، ގަލޮޅު މޯޗަރީ ބަދަލުކުރުމަށް، ކައުންސިލްގެ ރަސްމީ ޢާންމު ޖަލްސާގައި ވެސް ވަނީ ފާސްކޮށްފައެވެ.

































