ހުޅުމާލެ ފޭސް 2، ޞަލާޙުއްދީން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއެވެ. މި ރަސްމިއްޔާތުގައި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުއާއި، ރޯޑް ޕޮލިސް ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙްއާއި، ޞަލާހުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދްރީސްއާއި އެ ސްކޫލުގެ އިސްވެރިންނާއި މުދައްރިސުންގެ އިތުުރުން ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލު ދަރިވަރުން ބައިވެރިކުރުމަށް ތަމްރީނުދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ. މި ޕްރޮގްރާމުގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުމަތީގެ ހަދިސާތައް މަދުކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ދަރިވަރުން ތަމްރީނުކޮށްފައިވާ ކަމަށާއި، އަދި މުއާމަލާތުކުރުމުގެ ހުނަރުތަކާއި އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށް މަސައްކަތްކުރާނެ ގޮތްތާއި ލީޑަރޝިޕް ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ފަސްޓްއެއިޑް ކުލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުތުން ވިދާޅުވެއެވެ.
މި ސެޕްޓެންބަރު މަހުގެ 13 އިން 18 އަށް ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި، އެ ސްކޫލުގެ 35 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި 35 ދަރިވަރުންނާއެކު، ޞަލާޙުއްދީން ސްކޫލުން ޖުމުލަ 70 ދަރިވަރުން ޓްރެފިކް މޮނީޓަރުންގެ ގޮތުގައި މިވަނި ތަމްރީނުކޮށްފައި ވކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.


































