މިރޭ ހަނދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން އަންގައިފި އެވެ.
އެ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހުގެރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ މިރޭ ގަޑިން 20:28 ގައި ކަަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު އަލިވެ 1:11 ގައި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 1:55 ގައި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް ފޮނުއްވި ސާރކިއުލާގައި ވަނީ ”ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ތިޔަ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދެއްވުން އެދެމެވެ.“
މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ މިރޭ ފެންނާނެ އެވެ. އަދި މުޅި އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ހުރިހާ ސަރަހައްދަށް މިރޭގެ ފުރިހަމަ ހަނދުކޭތަ އަކާއި އެކު ބްލަޑްމޫން އެއް ފެންނާނެއެވެ.

































