ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ހދ. ނޮޅިވަރަމް ވިޔަފާރިވެރިން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށީ އޮގަސްޓު މަހުގެ 25ވަނަ ދުވަހުއެވެ.
މިމަހުގެ 1ވަނަ ދުވަހު ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، (ގާނޫނު ނަންބަރު: 7/2025)ގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި ގޭންގުތަކުން ހިންގާ ކުށްތަކަކީ ކޮބައިކަމާ އަދި އެފަދަ ކުށްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރިކުރުވުމާއި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންނަށް ވިއްކުން މަނާ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ވަކިން ޚާއްސަކޮށް ކުށްތަކަށް ހުށަހެޅޭ ފަދަ އެއްވެސް އާލާތެއް ގަންނަން، ތުހުމަތުކުރެވޭ ފަދަ ބަޔަކު ނުވަތަ މީހަކު ނުވަތަ ކުޑަކުއްޖަކު އުޅޭނަމަ އަމަލުކުރަންވީ ގޮތާއި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ހަަމައެހެންމެ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ވެސް ބަހާފައިވެއެވެ.
މީގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ވިޔަފާރިކުރުމަށާއި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރާއިރުއާއި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ފިހާރައިގެ ރައްކާތެރިކަމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާއި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިިޔަދީފައި ވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވައި، ކުށްކުރުން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.
މި ހަރަކާތް އެކި ރަށްރަށުގައި މިހާރު ކުރިއަަށްދާ އިރު ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުމަކީ މަނާ ކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ކުޑަ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ ޤާނޫނުގެ 37ވަނަ މާއްދާގެ ( ހ) އަދި (ށ)ގެ ދަށުން 20،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.


































