ރާއްޖެއަކީ ކުޑަ ކުޑަ ޤައުމެކެވެ. މީގެ 50އަހަރުގެ ކުރިއަށް ޖެހިލާނަމަ ފެންނަނީ އާމްދަނީ ހޯދުމަށް ކުރާނެ ގިނަ މަސައްކަތްތަކެއް ނެތް ފަޤީރު ޤައުމެއްގެ ގޮތުގައެވެ. 1972ވަނަ އަހަރު ފަތުރުވެރި ކަމުގެ ވިޔަފާރިއާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް ގެނުވިއެވެ.
1972 ފެށުނު ފަތުރުވެރި ކަމުގެ ވިޔަފާރީގެ އެއްބާނީ އަކީ ހޮނިހިރު ދުވަހު ހެދުނު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔަ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރިޔާ އަލްމަރްހޫމް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އެމަނިކުފާނުގެ ހަދާންތަކަކީ ދިވެހިންނާ ވަކިވެގެން ދާނެ ހަދާން ތަކެއްނޫނެވެ. ކޮންމެ ދިވެއްސަކުވެސް އެމްޔޫ މަނިކުގެ ޒިކުރާ އައު ކުރަނީ ޝުކުރު ވެރި ކަމާއި އެކުވެ. އެމަނިކުފާނު އަވަހާރަވުމުން ދިވެހިން ސޯޝަލް މީޑިއާގައި ފާޅު ކޮށްފައިވާ ޝުޢޫރު ތަކުން އެނގިގެން ދިޔައީ އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކާ މެދުގައި ދިވެހިންގެ ހިތުގައި އުފެދިފައިވާ ލޯތްބެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އާއްމު ފަރާތްތަކުން ހިއްސާކޮށްފައި ވަނީ އެއްސުޢޫރު ތަކެކެވެ. އެޝުޢޫރުތަކުން ފެނިގެން ދިޔައީ އަލްމަރުޙޫމު މުޙައްމަދު ޢުމަރުމަނިކުގެ ދުރުވިސްނުންތެރި ކަމާއި ހީވާގި ކަމުގެ ވާހަކައެވެ. މުއައްޒަފުންނާ މެދުގައި ބަހައްޓަވާ ގާތްކަމުގެ ވާހަކައެވެ. އެހީތެރި ކަމަށް ބޭނުންވި ހިނދު އެމަނިކުފާނު ވެދެއްވި އެހީތެރި ކަމުގެ ވާހަކަތަކެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރިޔާ އަލްމަރްހޫމް މުހައްމަދު އުމަރު މަނިކު އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މުޙައްމަދު އުމަރު މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމަޔަށް ތަރައްޤީވެ ކުރިއަރައިގެންދިޔުމުގައި، މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރައްވާފައިވަނީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށެވެ. މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށް ގިނަގުނަ ކުރިއެރުންތައް ގެނެސްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެއްވާ ގޮތުގައި، މިއަދުގެ ދިވެހިރާއްޖެ މިގޮތުގައި ބައްޓަންކޮށް ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އަލްމަރުހޫމް މުޙައްމަދު ޢުމަރު މަނިކެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިޔުއްވި ގޮތުގައި ޓޫރިޒަމް ތައާރަފު ކުރެއްވުމަށް ފަހު، އެ ސިނާއަތުން އޭގެ ފަހުން ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއްގައި އެމްޔޫ މަނިކު މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު އެއް ވިޔަފާރި ވެރިޔާ އަދި މާމިގިލި ދާއިރާގެ އިއްޒަތްތެރ މެމްބަރ ޤާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ، އެމްޔޫ މަނިކަކީ ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް އެއީ ޤާސިމާ އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއްކަން ފާހަގަ ކުރައްވާފައި ވެއެވެ. ”ޝައްކެތް ނެތެވެ. އެމްޔޫ މަނިކު އަވަހާރަވުމަކީ، މުޅި ރާއްޖެ އަށް ލިބިގެންދިޔަ ހިތާމައެކެވެ. ފަތުރުވެރިކަމުގެ އާއިލާ އަށް ލިބިގެންދިޔަ ނުހަނު ބޮޑު ހިތާމައެކެވެ،“ ގާސިމް ވިދާޅުވި އެވެ.
މުޙައްމދު އުމަރު މަނިކުގެ އެންމެ ފަހު އުންމީދަކީ ހުޅުމާލޭގައި މިސްކިތެއް ބިނާކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. ”އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން.“ މިނިސްޓަރ ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައި ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަމިއްލަ އެކިފަރާތްތަކުންވެސް ސޯސަލް މީޑިއާގައި ހިއްސާކޮށްފައި ޝުޢޫރުތަކަށް ބަލާއިރު ފެނިގެންދަނީ ދަނީ އެމްޔޫ މަނިކާ މެދު ދިވެހިންނާ އެމްޔޫ މަނިކާ ދެމެދުގައި ވާ ގުޅުމެވެ. ދިވެހިންގެ ހިތުގައި ވާ ޤަދަރާއި އިޙްތިރާމެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ މުޙައްމަދު ޢުމަރު މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް، އެ ގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގައެވެ. އެމް ޔޫ މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!

































