މިހާރަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ އިމާމުން ޤުރުއާން ކިޔަވަނީ ތަޖުވީދު ޢިލްމުގެ ޤަވާޢިދުތަކާ ޚިލާފަށް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޝެއިޙް ހުސައިން ރަޝީދު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޝެއިޚް މިގޮތަށް ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކްޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައިވަނީ، މިހާރަކަށް އައިސް ރާއްޖޭގެ ވަރައް ގިނަ އިމާމުން ޤުރުއާން ކިޔަވަނީ ތަޖުވީދު ޢިލްމުގެ ޤަވާޢިދުތަކާ ޚިލާފަށެވެ. ސުވާލަކީ މިއީ އެމީހުން ތަމްރީނު ކުރާ މުދައްރިސްގެ މައްސަލައެއްބާއެވެ. ނުވަތަ މިމީހުން އަމިއްލައަށް ތަންތަނުން އަޑުއަހާލައިގެން ހިތުހުރި ގޮތަކަށް ކިޔަވަނީ ބާއެވެ.
މިޕޯސްޓުގައި އިތުރަށް ހިއްސާކުރައްވާފައިވަނީ:
އަޞްލަކީ ބޭރު ޤައުމުތަކުގެ ބައެއް އިމާމުން މަޝްހޫރުވުމުން ނުވަތަ އެފަދަ ބައެއް މީހުންގެ އަޑު ތަންކޮޅެއް ރީތިވުމުން އެމީހުންގެ ކޮޕީ ކުރެވެނީ ކަމުގައެވެ.

ނަމާދުގައި ޢަލްޙަމްދަކީ ކިޔަވާއިރު ވަރަށް ފަރުވާތެރިވާންޖެހޭ ސޫރަތެކެވެ. މިހާރަކަށް އައިސް އަލްހަމްދުގައި ވެސް އެނޫން ސޫރަތްތަކުގައި ނުދަމަންވާ ތަންތަނަށް 2 ޙަރަކާތަށް ވުރެން އިތުރަށް ދެމުން އާދަވެއްޖެއެވެ. އިބިފިއްޔާއި އުބުފިލި އޮންނަ ތަންތާ އެބެފިއްޔާއި އޮބޮ ފިއްޔަށް ބަދަލު ވެއްޖެއެވެ. ޔާމައްދާއި ވާވު ވައްދު އޭބޭފިއްޔާއި އޯބޯފިއްޔަށް ވާގޮތަށް ދަމަނީއެވެ. ހިތުހުރި ތަނަކަށް އިމާލާ ކުރަނީއެވެ. މިހިރީ އެއްވެސް ޤިރާތެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަމުދުން އަޅުގަނޑުމެން ކިޔަވަމުންދާ ޙަފްޞު ޤިރާއަތަކު މިކަހަލަ ކަމެއް ނޯވެއެވެ. ޢަމުދުން ނަމާދުގައި ބިސްމި ކިއުން މުޅިންހެން ހުއްޓާލައިފިއެވެ.
މިގޮތަށް ޤުރުއާނަށް ބަދަލު ގެނެވޭނަމަ މާދަން ރާއްޖޭގައި ޞައްޙަ ގޮތަކީ މިއީ ކަމުގައި ބެލެވެން ފަށާފާނެއެވެ.
މިއީ ސިޔާސީ ބަދަލުތަކެކެވެ. މި ސިޔާސީ ކުޅިގަނޑެއްގެ ތެރޭންލާފައި ލޮބުވެތި ޞަޙާބާއިންގެ ދުވަސްވަރުގައި ވެސް ދީނަށާއި ނަމާދަށް ބަދަލު ގެނެވެން ފެށުނެވެ. މަދީނާގެ ވެރިއަކަށް ހުރި މަރުވާން ނަމަކަށް ކިއުނު މީހަކު ޢީދު ނަމާދުގެ ކުރިން ޢީދު ޚުޠުބާ ދޭން ފެއްޓިއެވެ. އެހެން ބޭކަލަކު ބިސްމިއާއި ރުކުންތަކަށް ނަގުލުވުމުގައި ތަކްބިރު ބާރަށް ކިއުން ދޫކޮށްލިއެވެ. ދެން ފަހުން މިބުނެވުނު މަރުވާން މިކަން މަދީނާގެ އާދައަަކަށް ހެއްޖެވެ. މިފަދަ ވެރިންތައް ނަމާދުގެ ވަގުތަށް ވުރެން ނަމާދު ފަސްކުރަން ފެށިއެވެ. ހުކުރުދުވަހުގެ ހުކުރު ނަމާދު އަޞުރާއެކު މަޣުރިބާ ކައިރިކޮށްލާފައި ކުރަން ފެށިއެވެ. މިހިރީ ޞައްޙަ ރިވާޔަތްތަކުން ސާބިތުވާންހުރި ކަންތަކެވެ.
މާދިގުނުކޮށް ދެތިން ޙަދީސެއް ހާމަކޮށްލާނަމެވެ.
1- އިމާމު ޝާފިޢީއާއި ބުޚާރީއާއި މުސްލިމާއި އެނޫން ބޭކަލުން މާތް ﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުޞައިނުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. عن عمران بن حصين صَلَّى مع عَلِيٍّ رَضِيَ اللَّهُ عنْه بالبَصْرَةِ فَقالَ: ذَكَّرَنَا هذا الرَّجُلُ صَلَاةً كُنَّا نُصَلِّيهَا مع رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ (ޢިމްރާން ބިން ޙުޞައިންގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ބަޞްރާގައި މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުންގެ ފަހަތްޕުޅުގައި ނަމާދުކުރެއްވިއެވެ. ދެން ނަމާދު ނިމުމުން އަރިހުގައި ހުރި މީހެއްގެ ގާތު ޢިމްރާނު ވިދާޅުވިއެވެ: މި ކަލޭގެފާނު (ޢަލީ ރަޟިޔަﷲ ޢަންހު) އަހަރެމެންނަށް ހަނދާންކޮށް އެދެއްވީ އަހަރެމެން ރަސޫލުﷲصَلَّى اللهُ عليه وسلَّمَ ގެ ފަހަތްޕުޅުގައި ކުރަމުން އައި ނަމާދެކެވެ.
2- މިޙާދިޘާ މާތް ﷲ ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީގެ ކިބައިން ވެސް ރިވާވެގެން ވެއެވެ. قال أبو موسى: لقد ذَكَّرَنا علِيُّ بنُ أبي طالبٍ صَلاةً كنَّا نُصلِّيها مع رسولِ اللهِ صلَّى اللهُ عليه وسلَّمَ؛ إمَّا نَسيناها، وإمَّا تَرَكْناها عَمدًا، (ابن ماجة)
(މާތް ﷲ ރުއްސުންލެއްވި އަބޫ މޫސާ ވިދާޢުވިއެވެ: ހަމަކަށަވަރުން ޢަލީ ބިން އަބީ ޠާލިބު ތިމަންމެންނަށް ހަނދާންކޮށްއެދެއްވީ، ތިމަންމެން ރަސޫލުﷲ صَلَّى اللهُ عليه وسلَّمَ އާއެކު ކުރަމުން އައި ނަމާދެވެ. އެކަންކަން ތިމަންމެން ހަނދާން ނެތުނީއެވެ. ނުވަތަ ގަސްދުގައި ދޫކޮށްލިއެވެ. (އިބްނު މާޖާ)
3- އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން ބޭކަލުން އިމާމު ޒުހުރީގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. دَخَلْتُ عَلَى أَنَسِ بْنِ مَالِكٍ بِدِمَشْقَ وَهُوَ يَبْكِي فَقُلْتُ مَا يُبْكِيكَ فَقَالَ لَا أَعْرِفُ شَيْئًا مِمَّا أَدْرَكْتُ إِلَّا هَذِهِ الصَّلَاةَ وَهَذِهِ الصَّلَاةُ قَدْ ضُيِّعَتْ (ޒުހުރީ ވިދާޅުވަނީ، ތިމަން އެއްދުވަހަކު މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ އަރިހަށް ދިމިޝްޤުގައި އެކަލޭގެފާނު އުޅުއްވަނިކޮށް ޒިޔާރަށް ކުރީމެވެ. އޭރު އެކަލޭގެފާނު ކީރިތި ކުރައްވަނިއެވެ. އެހިނދު ތިމަން ދެންނެވީމެވެ: ކަލޭގެފަނު ކީރިތި ކުރައްވަނީ ކޮންކަމަކާތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ދީނުގައި ތިމަންކަލޭގެފާނަށް އެނގިވަޑައިގެންހުރި ކަންތައްތަކުގެ ތެރޭން މިހާރު ފެންނަންއޮތީ މި ނަމާދު އަެކަންޏެވެ. މި ނަމާދުވެސް މިއަދު މިއޮތީ ގެއްލިގެން ގޮސްފައިވެއެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ނަމާދާއި މިފަދަ ކަންތައްތައް ދީނުގެ ސަލަފުއްޞާލިޙުގެ ޢިލްމުވެރިން (އެބަހީ ފިޤުހުވެރިންނާއި މުޙައްދިޘުންނާ ޤާރީވެރިން) ވަރަށް ބުރަ މަސައްކަތް ކުރަޢްވައިގެން ޤުރުއާނާއި ސުއްނަތުގެ އަލީގައި ދީނުގެ ކަންކަން ހޯއްދަވާ އުއްމަތައް ދައްކުވާފައިވަނިކޮށް ބަޔަކުމީހުން މިއަދު މިދަނީ ދީނޭ ކިޔައިގެން އެކަންކަން ނައްތާލަމުންނެވެ.
މިދޭތެރޭގައި ކޮންމެވެސް މިސްކިތަކަށް އަޅުގަނޑު ނަމާދަށް ދިޔައިމެވެ. އިމާމަކަށް ހުރީ ކޮންމެވެސް ޒުވާން ކުއްޖެކެވެ. އޭނާގެ ކިޔެވުން އިވޭއިރު އަޅުގަނޑުގެ ލޭހުރި ކެކިކެކިއެވެ. ކުރީގައި ދެންނެވި ކަހަލަ ކުއްތައް ދިޔައީ އޮއްސަމުންނެވެ. އަދި އޭނާއަށް ހީވާގޮތުން އޭނާ ކިޔަވަނި ވަރަށް ފުރިހަމަ ކޮށެވެ. ހަޤިޤަތުގައި ކޮންމެ ޖުމްލައެއްގައި އޭނާ ދަނީ ހެވާއި ނުބައި މަސްހުނި ކުރަމުންނެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން މާލޭގެ މިސްކިތަކުން ބަންގިދޭއަޑު އިވިގެން އަޅުގަނޑު އެއަށް އިޖާބަދެމުން ދިޔައިމެވެ. އޭނާ ބަންގީގައި حى على الصلاة މިކަލިކަމައިގެ الصلاة ގެ ލާމު ކިޔަނި ބަރުކޮށްލައިގެންނެވެ. މިއީވެސް ކޮންމެވެސް ތަނަކުން އޭނާ ބަންގި އަޑުއަހައިގެން ރީތި ކޮށްލިއެވެ. އޭނާއަކަށް މިއި ކިއްވެގެން ކުރާކަމެއްކަމެއް ނޭގެއެވެ. ޙަޤީޤަތުގައި މިއީ ޤާރިވެރިންގެ ތެރޭން ވަރްޝު ޤިރާއަތުގައި އޮންނަ ކަމެކެވެ. އެއީވެސް އެލާމުގައި ހަތަރު ޝަރުޠެއް ހަމަވާނަމައެވެ. ކޮންމެއަކަސް ޙަފްޞު ޤިރާއަތުގައި މިގޮތަށް ކިޔެވުން ހުއްދަ ނުވާއިރު އަމުދުން ބަންގިގައި ކިޔާނީ ކިހިނަކުން ހެއްޔެވެ؟
މިވާހަކަ އަޅުގަނޑު މިލިޔަނީ ބަޔަކަށް ފާޑު ކިޔާކަށެއް ނޫނެވެ. މިފަދަ ބޮޑު ނުބައިކަންކަން ފެތުރެމުންދާއިރު އެނގިހުރެ އެއްޗެއް ނުބުނެ ހުރުމަކީ މާދަމާގައި ސުވާލު ކުރެވިދާނެ ކަމަކަށް ވެދާނެތީ އެވާޖިބު އަދާކުރުމުގެ ގޮތުންނެވެ.
މާތް ﷲ އަޅުގަނޑުމެންގެ ދީން ރައްކައުތެރި ކުރަށްވާށިއެވެ. އަދި މިފަދަ ކަންކަން ފެނި ބަސްބުނުމުގެ ހެޔޮ ތައުފީޤު އަޅަށާއި އެހެން އަޚުންނަށް މިންވަރު ކުރައްވާށިއެވެ. އާމީން.
ޝެއިޙް ހުސައިން ރަޝީދު އަހުމަދަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގެ ވެރިކަމުގައި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި އަދި އަދާލަތު ޕާޓިގެ ރައީސްކަން ވެސް ކުރެއްވެރި ބޭފުޅެކެވެ.

































