ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިކަން ހާމަކޮށްފައިވަނީ މިއަދު އެމަނިކުފާނު ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސް ޕޯސްޓުގައި ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، އެ ފައިސާ އަކީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާކަމަށެވެ.

ރައީސް ޞޯލިޙް އެކްސްގައި ކުރެއްވި ފޯސްޓު ކުރައްވައިވަނީ މިއަދު އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، ރަސްމީދަރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ދުވަހާއި ދިމާކޮށްފަކަން ފާހަގަކޮށްލެވެއެވެ.
އެންނިއުސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ.
މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޚާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ އަހަރެވެ.
މޯދީގެ މިހާރު ރައްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީދަތުރު ފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް، މޯދީ ވަނީ ވިދާޅުވެފައެވެ.

































