މިހާރަކަށް އައިސް މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ދަނޑުވެރިކަމާ ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއަށް ލިބެމުންދާ ކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ
ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެވެ. އެއީ
1- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
2- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
3- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
4- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
5- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށާއި، މިގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށް ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާ ކާންދީގެން، އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށްގެން އަޅައިލުމާއި، ލޯބިދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަޙުރޫމުވެއެވެ. މީގެނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިޙުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުމެވެ. މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރަށް އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި އެސޮރުމެންނަށް ހާނީއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނޭ ކަމެއްނޫން ކަމަށް ވުޒާރާއިން ހަދާން ކޮށްދީފައި ވެއެވެ.
ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ޖަނަވާރަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައިވަނީ ޖަނަވާރަށް ޙައްޤުތަކެއް ކަށަވަރުކޮށްދީފައި ވެއެވެ. އޯގާތެރިވުމުގެ ޙައްޤާއި، ރަޙުމުކުރުމުގެ ޙައްޤާއި، ދިރިއޮތުމުގެ ޙައްޤު ހިމެނެއެވެ. މިޙައްޤުތަކަކީ އިންސާނުންނަށްވެސް ލިބިދީފައި ޙައްޤުތަކެކެވެ.
ދުނިޔެއަކީ އިންސާނުންނާއި، ޖަނަވާރުންވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށްވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރުއަޅައެވެ.
މިގޮތުން، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ދިރޭ ތަކެއްޗާއި ބެހޭ ވުޒާރައިން ވިދާޅުވެއެވެ،

































