ކައުންސިލްތައް އުފެދި ކައުންސިލަރުން ރަށްރަށް ހިންގަން ފެށިތާ ގާތްގަޑަކަށް 15އަހަރު ވެފައި ވާއިރު އެނިޒާމު ހިންގުމުގެ ޤާނޫނު ކަމަށްވާ ”އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15ފަހަރު އިސްލާޙް ގެނެސްފައި ވެއެވެ. މިއިސްލާހްތަކާއި އެކު ފާހަގަ ކުރެވުނު ކަމަކީ، ކައުންސިލަރުންގެ ހެޔޮވަރު އަދަދެއް ކަނޑައެޅަން ނޭނގި ވާކަމެވެ. ޤާނޫނުގައި ފުރަތަމަ ކަނޑައެޅީ އާބާދީގެ އެންމެ މީހުން ހިމެނޭ ރަށެއް ނަމަވެސް 5 ކައުންސިލަރުން ތިބޭ ގޮތަށް ޤާނޫނު ފާސް ކުރެވުނު ނަމަވެސް ދުވަސް ކޮޅަކުން 3 ކައުންސިލަރަށް ޤާނޫނު ބަދަލު ކުރިއެވެ. ނަމަވެސް މިހާރު 100މީހުން ދިރިއުޅޭ ރަށެއްގައި ވެސް 5 ކައުންސިލަރުންނާއި 5 މެމްބަރުން ހިމެނޭ އތމ ކޮމެޓީއެއް އޮންނަ ގޮތަށް ވަނީ ހަމަ ޖައްސާފައެވެ.
ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތެއް ބެލުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ޤަރާރެއް މަޖިލީހަށް ހުށައަޅުއްވާފައި ވެއެވެ. އެޤަރާރަށް ވޭތުވެ ދިޔަ ހަފްތާގައި މަޖިލީހުގެ ތަޅުމުގައި ބަހުޘް ކުރައްވާފައި ވެއެވެ. މިގޮތަށް ހުށައެޅޭ ޤަރާރުތަކަށް މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ވާހަކަފުޅު ދައްކަވާތަން ގިނަ ފަހަރަށް ފެންނަނީ ހުށައެޅިފައިވާ މައްސަލަ އަކަށް ނޫނެވެ. ނަމަވެސް ބާރަށު ދާއިރާގެ މެމްބަރ ސުޖާއު ހުށައެޅި މިޤަރާރަށް ގިނަ މެމްބަރުން ދެއްކެވީ ވާހަކަތަކަށް ބަލާއިރު ބިނާ ކުރަނިވި ވާހަކަތަކެއް މަޖިލީހުގެ ތަޅުމުން އަޑު އިވިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
މެމްބަރު ސުޖާޢު ހުށައެޅުއްވި ޤަރާރުގައި ވެސް ފާހަގަ ކުރައްވާފައި ވާ ގޮތުގައި ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ވެއެވެ. ނަމަވެސް އެ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ ރަށްތަކުގެ ތަރައްގީއަށް އައި ބަދަލެއް ވެސް ފެންނަން ނެތްކަމަށް ކަމަށް މެމްބަރު ސުޖާޢުގެ ޤަރާރުގައި ވެއެވެ.
މިޤަރާރަށް ބަހުޘް ކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ހަގީގަތުގައި ރާއްޖެއަށް ލާމަރުކަޒީ އުސޫލު ބޭނުންވާ ކަމަށެވެ. ނަމަވެސް އެ އުސޫލު ބޭނުންވަނީ މިއަދު އޮތް ގޮތަށް ނޫން ކަމަށާއި، ކޮންމެ ރަށެއްގައި ހަތެއް ނުވަތަ ފަސް ކައުންސިލުން ތިބެގެން ކުރާނެ މަސައްކަތެއް އޮތްތޯ ނުވަތަ ނެތްތޯ ވެސް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިއަދު މިވަނީ ކައުންސިލަރުންގެ އަދަދާ ބެހޭ ގޮތުން އަނެއްކާވެސް ބަޙްޘެއް ފެށިފައެވެ. މިބަހުޘާއި އެކު އުފެދޭ ސުވާލަކީ ކައުންސިލްގެ ބޭނުމަކީ ކޮބައިބާވައެވެ. ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ކައުންސިލެއް ރަށެއްގައި އޮންނަން ޖެހެނީ ކީއްކުރަން ސުވާލު އުފެދިފައެވެ. މަޖިލީހުގެ މެމްބަރުންގެ ވާހަކަފުޅުތަކާއި އަދި އާއްމުން ދެކޭ ގޮތަށް ބަލާއިރު މިއަދު ގިނަ ކައުންސިލްތަކުގެ މަޤްޞަދު ޙާޞިލް ނުވެއެވެ. 200މީހުން ވެސް ދިރިނޫޅޭ ރަށެއްގައި 5 ކައުންސިލަރުން ހޮވާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ހޭދައެއް ކުރާއިރު ރައްޔިތުންނަށް ލިބޭ ކުރި އެރުމެއް ނެތެވެ. ކައުންސިލަރުންގެ އަދަދު ކަނޑައަޅައްވީ އެރަށެއްގައި ދިރިއުޅޭ އަދަދަށެވެ. މިއަދު ރަށްރަށުގެ ޙާލަތަށް ބަލާއިރު އަތޮޅު ތެރޭގެގިނަ ރައްޔިތުން މާލެއަށް ހިޖުރަކޮށްފައިވާއިރު ރަށްރަށުގައި ދިރިއުޅޭ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ. ރަށެއްގެ ކައުންސިލު އޮންނަނީ އެރަށެއްގައި ދިރިއުޅޭ ބަޔަކަށް ޚިދުމަތް ކުރައް ކަމަށް ވީހިނދު ރަށުގެރަޖިސްޓްރީއަށް ބަލައިގެން މެމްބަރުން ކަނޑައެޅުމަކީ އެންމެ ރަގަޅު ގޮތެއް ނޫނެވެ. ރާއްޖޭގެ ރަށްރަށުގެ ރަޖިސްޓްރީ އަދަދަކީ 500 ހަމަ ކިރިޔާ ހަމަވާއިރު ރަށުގައި ދިރިއުޅޭ އަދު 200 މީހުން ހަމަ ނުވާ ރަށްރަށްވެސް ހުރިކަން އެންމެ ފަހުގެ ބޯހިމެނުމުން އެނގެއެވެ. ކައުންސިލްތައް އުފެދިގެން މިއަދާ ހަމައަށް އައި އިރު ކައުންސިލަރުންގެ ހެޔޮވަރު އަދަދެއް ކަނޑައަޅަން އެގިފައި ނުވެއެވެ. ރަށްރަށުގައި ދިރިއުޅޭ އަދަދު އިންތިހާއަށް މަދުވެފައިވާއިރު، އަދި އެރަށެއްގައި ކައުންސިލުން ޚިދުމަތް ލިބިގަންނަނީ މަދުބައެއް ކަމެވެ. ވީމާ އެރަށެއްގައި ދިރިއުޅޭ ކޮންމެ 100މީހަކަށް 1 ކައުންސިލަރަކު އިންތިޚާބު ކުރުމަކީ ހުރިހާ ގޮތަކުން ވެސް ރަގަޅު ގޮތެއް ކަމަށް ދެކެމެވެ.

































