މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން އެނބުރި ރާއްޖެ އަނަންފަށަނީ ޖޫން 13 ވާ ހުކުރު ދުވަހުކަން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުކަމުގާއި އިސްލާމީކަންތައްތަކާބެހޭ ވުޒާރައިން ހިއްސާކޮށްފައިވެއެވެ.
އެޗްޕީއޭއިން ވަނީ ޙައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރި،ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު މިއަދު ވަނީ މަދީނާއަށް ފުރަން ފަށާފައެވެ. އެގޮތުން ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިން މިއަދު ވަނީ މަދީނާއަށް ފުރާފައެވެ.

































