ރާއްޖޭގެ މި އަހަރުގެ އެއް މިލިއަން ވަނަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް ހޮވިއްޖެ އެވެ.
އެއީ އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރެވެ. އިންޑިއާގެ އެއާލައިނެއް ކަމުގައިވާ އިންޑިގޯއިން އޭނާ ޗުއްޓީ ހޭދަކުރުމަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އެއްމިލިއަން ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އަލްފާޝިލް ތޯރިޤް އިބްރާހީމް ވަނީ ބައިވެރިވެ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރު އެއް މިލިއަން ހަމަވީ ޖޫން މަހުގެ 27ގައެވެ.
އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 56،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިންޑިއާ އޮތީ ރާއްޖޭގެ ހަ ވަނައިގަ އެވެ. އިންޑިއާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.
ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގި ނުތަވަސްތަކާ އެކު، އޭރު އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ބޮއިކޮޓް ކުރުމަށް ގޮވާލުމާ އެކު، އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް މަދުވި އެވެ. އެކަމަކު، އޭގެ ފަހުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އަނެއްކާ ވެސް އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ.
މި ޖޫން މަހުގެ މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާ އާއި ރަޝިއާ އިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ޓުރިޒަމް އިސްތިހާރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

































