އިސްލާމް ދީނުގައި ފާހަގަ ކުރާ ދެއީދު އަންނަނީ މުހިއްމު ދެއަޅުކަމާއި ގުޅިގެންނެވެ. ފިޠުރު އީދު އަންނަނީ ރޯދައިގެ އަޅުކަމާއި ގުޅުވައިގެންނެވެ. އެކަމުގެ އުފަލުގައެވެ. އަޟްޙާ ޢީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅުވައިގެން އެކަމުގެ އުފަލުގައެވެ. މި ދެޢީދު ދިވެހިން ފާހަގަ ކުރަނީ އެއްރަށުން އަނެއްރަށަށް ޒިޔާރަތްކޮށް ތިމާގެ މީހުންނާއި ރައްޓެހިންގެ ހާލު ބަލާ އެކުވެރިކަން އާލާ ކުރުމުގެ ގޮތުންނެވެ.
ދެޢީދުގެ ތެރެއިން އަޟްޙާ ޢީދު ފިތުރު އީދަށް ވުރެ ކުލަ ގަދަކޮށް ރަށްރަށުގައި ފާހަގަ ކުރެއެވެ. ރަށްރަށް ޒިޔާރާތް ކުރާ މެހްމާނުންނަށް މަރުޙަބާ ކިޔުމަށް ރަށު ފެންވަރުގައި އިންތިޒާމުތައް ހަމަ ޖައްސައެވެ. ސަބަބަކީ ޢާއްމު ގޮތެއްގައި ކުޑަ ޢީދަށް ވުރެ، ބޮޑު އީދަށް ލިބޭ ބަންދު ދުވަސްތައް އިތުރު ވުމުގެ ސަބަބުން އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރުކޮށް ޢާއިލާ ރައްޓެހިންނާއި އެކު އުފަލުގައި ހޭދަކޮށްލުމަށް ފުރުޞަތު ބޮޑަށް ލިބޭތީއެވެ. ބޮޑު އީދުގެ ފުރަތަމަ ދުވަހު ކުރެވޭ އީދު ނަމާދަށް ފަހު ބޮޑު މަސް ކުޅުމާއި ، ކޯޑިކުޅުން ފަދަ ކުޅިވަރުތައް ރަށްރަށުގައި ފަށައެވެ. ޒަމާނަށް އައި ބަދަލުތަކާއި އެކު އެހެން ބައެއް ކުޅިވަރުތައް ރަށްރަށުގައި ކުރިއަށް ދިޔަ ނަމަވެސް ކުރިން ދެންނެވި ކުޅިވަރުތައް އެރަށެއްގެ ޘަޤާފީ ކުޅިވަރުތަކުގެ ގޮތުގައި ދިރުވާ ދަމަހައްޓައެވެ. މިފަދަ ކުޅިވަރުތައް ކުޅޭތަން ދެކިލުމަށާއި އަދި އެފަދަ ކުޅިވަރުތަކުގައި ބައިވެރިވެ ލުމަށާއި މާލޭގައި މިހަލަބޮލި މާހައުލުގައި އަވަދި ނެތި އުޅޭ ފަރާތްތައް ރަށްރަށަށް ޒިޔާރަތް ކޮށް ރަށްރަށުގެ ހަމަ ހިމޭން މާހައުލުގައި ހޭދަ ކޮށްލަށް ލިބޭ އެންމެ ފަހި ފުރުޞަތަކީ ބޮޑު އީދެވެ. ބޮޑު ޢީދާއި ގުޅިގެން ޢާއްމު ގޮތެއްގައި ހަފްތާއެއް ހާ ދުވަސް ބަންދުގެ ގޮތުގައި ލިބެއެވެ. ވީމާ ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ކިޔަވާ ކުދިންނަށްވެސް ބޮޑު އީދުގެ ބަންދަށް މާކުރިން އިންތިޒާރު ކުރެއެވެ. ކަލަންޑަރުގައި ބޮޑު އީދު ބަންދު ފާހަގަކޮށް ހަދައެވެ.
މިއަހަރުގެ ބޮޑު ޢީދު ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހާއެވެ. އަދި ޢީދުގެ ދެވަނަ ދުވަހަކީ ހޮނިހިރު ދުވަހެވެ. މިގޮތަށް ބަންދު ދެދުވަހާ އީދުގެ ފުރަތަމަ ދެދުވަސް ދިމާވުމުން މިއަހަރުގެ އީދު ޗުއްޓީ ގެ ދުވަސްތައް މިވަނީ ކުރުވާ ގޮތްވެފައެވެ. އެއީ އީދު ޗުއްޓީގެ ގޮތުގައި ލިބޭނީ އާދިއްތަ އަދި ހޯމަ ދުވަހެވެ. ބައެއް ރަށްރަށުގައި އީދު ކުޅިވަރުތައް ރާވާފައި ވަނީ ހަފްތާ އެއްކޮށް ބަންދު ވާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އަންގާރަ ދުވަހު އޮފީސްތައް ހުޅުވޭ ގޮތަށް ހަމަ ޖެހުމާއި ގުޅިގެން ހޯމަ ދުވަހު ރަށްރަށުން މާލެ އަށް ދަތުރު ކުރަން ޖެހޭތީ އާދިއްތަ ދުވަހުގެ ނިޔަލަށް ޢީދު ކުޅިވަރުތައް ނިންމާލަން ޖެހޭނެއެވެ. އަދި މިގޮތަށް ޢީދު ބަންދު ކުރުވުމުގެ ސަބަބުން ދެތިން ދުވަހަށް ބޮޑު ޚަރަދުކޮށްފައި ރަށްރަށަށް ނުދާން ވެސް ބައެއް ފަރާތްތަކުން މިހާރު ވިސްނަމުން ދާކަން ފާހަގަ ކުރެވެއެވެ. އަދި މިދުވަސް ވަރަކީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސް ވަރު ކަމަށް ވެފައި ރާއްޖެގޭ ސަރަހައްދަށް ވިއްސާރަ ވުމުގެ ސަބަބުން ނާއި އެކު މިއަހަރު އަތޮޅު ތެރެއަށް ދާ މީހުން މަދުވާނެ ކަމަށްވެސް ޤަބޫލު ކުރެވެއެވެ. އަތޮޅުތެރެއަށް ޒިޔާރަތް ކުރުމަށް އަހަރަކު އެއްފަހަރު ލިބޭ ފުރުޞަތު ކަމަށްވާ ”ޢީދު ޗުއްޓީ“ މިއަހަރުގެ ޕްލޭން މިވަނީ ބަދަލް ކުރަން ޖެހިފައެވެ. މިއަހަރު އީދު ކުޅިވަރު ޓީވީން ބަލާލުމަކީ އެންމެ ރަގަޅު ގޮތެވެ.

































