ރައީސް އޮފީހުގެ ބެލުމުގެދަށުންހިންގާ ”މީޑީއާ ފެންޑާ“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑީއާ ފެންޑާގައެވެ.
ރައީސްއޮފީހުންބުނީ، ”މީޑިއާ ފެންޑާ“ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި، މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.
މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ.

































