މި އަހަރު މި ދިވެހި ބަހުގެ އެކެޑަމީން ބާއްވާ އަދަބީ މުބާރާތްތަކުގައި ބައިވެރިވުމުފެ ފުރުޞަތު އެއެކެޑަމީން ހުޅުވާލައިފިއެވެ. ބޭއްވުމަށް އިޢުލާން ކުރައްވާފައިވާ މުބާރާތްތަކަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތުއެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ 2ބަޔަކަށް ބަހާލައިގެންވެ. އެއީ ސްކޫލްތަކުގެ ދަރިވަރުންގެ ބަޔާއި އަމިއްލަ ގޮތުން ބައިވެރިވާ ބައެވެ. ސްކޫލްތަކުގެ ބައި ބަހާލަފައިވަނީ
– ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3 – ގުރޭޑު 7، 8)
– ސާނަވީ ގިންތި (ކީ ސްޓޭޖް 4 – ގުރޭޑު 9، 10)
– މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5 – ގުރޭޑު 11، 12)
އަމިއްލަ ފަރާތްތަކުގެ ބައި ބޭއްވުމަށް ހަމަ ޖެހިފައިވަނީ އުމުރުން 18އަހަރުން ދަށުގެ ބަޔާއި އަދި 18އަހަރުން މަތީގެ ބަޔަށް ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިވާން ހުށައަޅާނީ ގޫގުލް ފޯމު މެދުވެރިކޮށް ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 މޭ 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެފައި ވެއެވެ. ފޯމު ފުރިހަމަނުވާ ނަމަ އަދި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ ފޯމުތައް ބަލައެއް ނުގަންނާނެކަމަށް ވެސް އެއެކެޑަމީން ވިދާޅުވެއެވެ.
މި މުބާރާތްތައް އޮންނާނީ 2025 ޖޫން މަހުގެ 21 ވާ ހޮނިހިރު ދުވަހުގައެވެ. މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ދިވެހި ބަހުގެ އެކެޑަމީންނާއި އަދި އެ އެކެޑަމީގެ ވެބްސައިޓުގެ ލިބެން ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެފައި ވެއެވެ.

































