ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027“ ބުދަދުވަހު ފަށައިފިއެވެ. ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ (އީ.ޑީ.ޕީ) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.
ބުދަ ދުވަހުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ ޢަފީފް ޙުސައިންއެވެ. ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެ ވަޑައިންގެންވި މިމެޝަންގެ މަޢުޟޫޢު އަކީ ”ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ“ ނުވަތަ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޘަޤާފަތެއްގެ ތެރެއިން ޤައުމުގެ ތަޞައްވުރު ބަދަލުކުރުމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އީ.ޑީ.ޕީ އަކީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

































