ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެއިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ގެންދަނީ އެލަރޓްތައްވެސް ނެރެމުންނެވެ.
އެއިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައިކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާއި ކޮށްފައިވާއިރު، ވިއްސާރަ ގަނޑު ގަދަ ދުވަސްވަރު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވަމުން ގެންދަވައެވެ.

































