އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މަސްރަހް އިތުރަށް ގޯސްވާނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޚާރިޖީ ވުޒާރައިން ދީފި އެވެ.
އިންޑިއާއާ ޕާކިސްތާނާއި ދެމެދު ހަމަލާ ބަދަލު ކުރުންތަކެއް ކުރިއަށް ދިއުމާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ވުޒާރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
މިގޮތުން، ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
”ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވެއެވެ.“. އެ ބަޔާނުގައި ވެއެވެ
އަދި މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ ވުޒާރާއިން އިލްތިމާސް ކުރައްވާފައި ވެއެވެ.

































