2007ވަނަ އަހަރުގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންނަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ބިލު ބަލައިގަތުމާމެދު މިއަދު ނެގި ވޯޓުގައި 61 މެންބަރުން ވަނީ ބިލު ބަލައިގަންނަން ވޯޓު ދީފައެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ.
އެ ބިލު ދިރާސާ ކުރަން ފޮނުވާފައި ވަނީ އެކަމަށް ހާއްސަކޮށް އުފެއްދި ވަގުތީ ކޮމިޓީއަކަށެވެ. އެ ބިލު ދިރާސާ ކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހުއެވެ.
ބިލުގައި ބުނެފައި ވަނީ ޖެނުއަރީ 1، 2007، ގެ ފަހުން އުފަންވެފައިވާ މީހުންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. އެ ބިލުގައި ބުނެފައި ވަނީ، ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

































