ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ އަކީ އެ އަތޮޅު ”ނެއްލައިދޫ“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވައިފައިވާކަން ހާމަކުރެއްވީ މިއަދު ނެރުއްވި ޤަރާރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއަދު ނެރުއްވި ޤަރާރުގައި ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ އެ އަތޮޅުގެ ”ނެއްލައިދޫ“ ގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، މި ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވެއެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.


































