އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ދެ މީހަކު، އެ މީހުން ވެމްކޯގައި އަދާކުރަމުން އައި ވަޒީފާއިން ވަކިކުރުމާއެކު ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙު އެކަން ކުއްވެރިކުރައްވައިފިއެވެ.
ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ޙަރަކާތްތެރި ވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްޤެއްކަމަށް އެމަނިކުފާނު ބުދަދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި މިގޮތުން އެމްޑީޕީގެ ޙަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ވަކިކުރުން އެމަނިކުފާނުވަނީ ކުއްވެރިކުރައްވާފައެވެ.
ވެމްކޯގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސ.ހިތަދޫ ބޮޑުގަލުގޭ މޫސާ މުޙައްމަދު އަދި ވީނަސްވިލާ މުޙައްމަދު އަފްޒަލްއެވެ މިގޮތުން މުޙައްމަދު އަފްޒަލް ރައީސް އަބްދުﷲ ޝާހިދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ޝާހިދަށް މަރުޙަބާ ކިޔަން ސަފެއްގައި ސަލާން ކުރަން ހުންނަ ފޮޓޯއެއްވަނީ އާއްމުވެފައެވެ. އަދި މޫސާ މުޙައްމަދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ޤުރުއާން ކިޔަވައިފައެވެ.
ފާހަގަކޮށްލެވޭގޮތުގައި ރައީސް ސޯލިޙުގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ މިދެމީހުން އެ މީހުން ވެމްކޯގައި އަދާކުރަމުން އައި ވަޒީފާއިން ވަކިކުރުމާއެކު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.


































