ބީއެމްއެލް އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއިއެކު ލޯނަށް ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ ޕާސަނަލް ފައިނޭންސިންގ ލިބޭނެކަމަށް މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރައްވައިފިއެވެ.
މިގޮތުން މެއި 1 އިން ފެށިގެން ބީއެމްއެލް އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއިއެކު ލޯނަށް ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެކަމަށް މިނިސްޓްރީއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް މި ލޯނުތަކަށް ހުށައެޅެނެކަމަށްވެސް މިނިސްޓްރީއިން ބުދަދުވަހުގެރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓްގައިވެއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށާއި، މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ,
ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު، ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ.
މީގެ އިތުރުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. މިކަމަކީ މަސްވެރިންނަށް ލިބިދެވޭ ޙައްޤުތަކާއި މަންފާތައް ފުރިހަމައަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

































