މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހެވެ. ސީޕީ އިސްތިއުފާ ދެއްވިއިރު މި މަހުގެ 18 ވަނަ ދުވަހު އަންހެން ކުއްޖަކު އިމާރާތަކުން ވެއްޓުނު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވީ, 25 ޑިސެމްބަރު 2023ގައެވެ. އޭނާ ކޮމިޝަނަރުގެ މަގާމުގައި 488 ދުވަސް ހޭދަ ކުރެއްވުމަށް ފަހު ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ވަނީ ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފައެވެ.
ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.
ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ. އަދި އޭނާ އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.
ޝުޖާއު ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގައެވެ. އެގޮތުން ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމު ވެސް ފުރުއްވެވިއެވެ
ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވާފައެވެ.

































