މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި މިނިސްޓަރާއި ސުވާލު ކުރުމަށް ދެ މެންބަރަކު ވަނީ ހުށަހަޅާފައެވެ. އެއީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމެވެ.
މިނިސްޓަރާއި މެންބަރު އައްބާސް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް، އެ މަސައްކަތް ނިންމާލެވިފައިނުވާތީ، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ގޮތް ވެފައި ނުވާތީއެވެ. އަދި ޅޮހީގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ފެއްޓޭނެ ތާރީހަކާއި، އެ މަސައްކަތްތައް ނިންމައި އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ތާރީހެއް ސާފުކޮށްދިނުމަށް ކަމަށް މަޖިލީހުގެ އިދާރާއިން ޢާއްމު ކުރައްވާފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވެއެވެ.
މީކާއީލް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން ހާމަވެފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައި ދިޔުމުގައި ނެތިގޮސްފައިވޭތޯ ސާފުކުރުމަށެވެ.
މީގެ އިތުރުން މާދަމާގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅޭ ގޮތަށް ރިޔާސަތުން އަމަލު ކުރަމުންދާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.

































