ދަޢުވާކުރިޔަސް އަދި ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އަދި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާމެދު އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ. އަދި އެއީ ބިރުދެއްކުމަށް ސަރުކާރުން ކުރާކަމެއްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
”ތިޔަގޮތަށް ކޮށްލާ ދައުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ.“ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަތަކެއް ދައްކާފައިވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާގެ ފަރާތުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ ފައްޔާޒާއި އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.
އެންމެ ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. އެހެނަސް ބުދަ ދުވަހު ވަނީ އެމައްސަލަ ފެމެލީ ކޯޓަށް ވެސް ހުށަހަޅާފައެވެ. އަދި ބަޔާނެއްވެސް ނެރުއްވާފައިވެއެވެ. މިގޮތުން މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ޙާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ފައްޔާޒަށް ދައުވާ ކުރައްވަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށްވާއިރު .މަންދީގެ މައްޗަށް ދައުވާ ކުރައްވާފައިވަނީ, އެމްޑީޕީން މިދިޔަ މާރިޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލާގައި ދަރިކަލުންގެ ކަރާމާތް ނަގާލިކަމަށް އާއިލާއިން ވިދާޅުވިނަމަވެސް، އެމްޑީޕީން ބުނެފައިވަނީ އެއްވުމުގެ ތެރެއިން ވަކި ދަރިކަލެއްގެ ނަން ނުކިޔާ ކަމަށާއި ވަކި ދަރިކަލަކަށް ނިސްބަތްކޮށް ދަރިކަލުންގެ ކަރާމާތަށް އުނިކަން ގެނައީ ރައީސްގެ އާއިލާއިން ކަމަށެވެ. އެ މައްސަލަ އެމްޑީޕީން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.

































