މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ޝަންގްރިލާގެ އިސް މެނޭޖްމަންޓާއި ދެމެދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި، ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް މިސްޓަރ ކްރިސްޓޮފަރ ފޮންގް، އެ ރިޒޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިޒޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވިއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާޅުކުރައްވައި، މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިތެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގް ގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ޝަންގްރިއްލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ..

































