ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށާއި އެކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ޞިއްޚީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވީ ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން އެނގި ވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން މީގެ ކުޑަދުވަސްކޮޅެއް ކުރިން ބޭހުގެ ސަޕްލައި ޝޯޓޭޖްގެ މައްސަލަތަކެއް ހުރެގެން ގިނަ ރައްޔިތުންތަކަކަށް ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އެކަން ހައްލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ހުންނަ މިންވަރު ވަރަށް ގަވައިދުން ބަލަމުން ގެންދާ ކަމަށާއި އެކަން ހައްލުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ބަލަމުންގެންދާ ކަމަށެވެ. އަދި މިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިގޮތުން ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވާނަންސް ހަރުދަނާކޮށް އެ ދާއިރާގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި މުވައްޒަފުން ޒިންމާދާރުކުރުމުގައި އެކުލަވާލަން ޖެހޭ އެސްއޯޕީތައް އެކުލަވާލައިގެން މިހާރަށް ވުރެ ރަނގަޅަށް ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ. އެގޮތުން އަޅުގަނޑުމެން އަޅާފައި ހުރި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަކުރުން ހިމެނޭ.“، ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލި ވަރަށް ގިނަ ކަން ފާހަގަ ކުރެވެއެވެ. މިފަދަ ފަރާތްތަކުން ޤަވާއިދުން ބޭނުން ކުރަން ޖެހޭ ބައެއް ބޭސް ލިބުމުގެ ދަތިތަކެއް ހުރިކަން ޢާއްމުން ފާހަގަ ކުރަމުން ދެއެވެ.

































