އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އާދަޔާ ޙިލާފު ކޮންގްރެސްއެއް ބޭއްވުމާއި މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެރޭ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ ކުރިން ވެސް ބާއްވަން ނިންމާފައި އޮތް ކޮންގްރެސް ކަމަށެެވެެ.
މިގޮތުން ޤައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ. އަދި ހޮނިހިރު ދުވަހުގެރޭ 20:30 ގައި އެ ޕާޓީގެ އޮފީހުގައި ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމަށް ލީޑާޝިޕުން އެކުލަވާލައިފައިވާ މަގުޗާޓުގައި ހިމެނޭ ދެ ކަމެއް ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރަމުންދާ އިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްކޮށްލުމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ. މިގޮތުން ދާދިފަހުން ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށް މިވަގުތަށް އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީއިން ކޮންގްރެސްއެއް ބޭއްވުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. މިގޮތުން ކުރީގެ ރައީސް ސޯލިޙް, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ,އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ,ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު , އަދި މާލެ ސިޓީގެ މޭޔަރ އާޒިމްގެ އިތުރުން ނިމިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމްވެސް 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
އެމްޑީޕީގެ އާދަޔާ ޙިލާފު ކޮންގްރެސްއެއް ބޭއްވުމާއި މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެރޭ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ 2022 ވަނަ އަހަރުކަން ފާހަކޮށްލެވެއެވެ.

































