އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އިހްމާލުވާ ފަރާތްތައް، ޖޫރިމަނާކުރެވޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ހުށަހެޅުމުގެ މަޤްސަދެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައިވަނީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅުމާއި ވިއްސާ އާލާކުރުމާއި، ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޖަނަވާރުގެ ސިއްޙަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، އޭގެ ޒަރީއާއިން އިިންސާނުންނަށް ޖެހޭ ބަލިތަކުން ރައްޖާތެރިވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް މި ބިލުގައި ވާގޮތުން ރަޖިސްޓްރީވާން ޖެހޭނެއެވެ.
މިބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ ވެސް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަވެސް ޖޫރިމަނާކުރެވޭނެ ކަމަށް މިބިލުގައި ވެއެވެ.
މި ބިލުގައިވާގޮތުން، ބިލު ޤާނޫނަކަށްވުމުން، ޤާނޫނު ހިންގޭނީ ދިރޭ ޖަނަވާރުގެ ތެރެއިން އެއްގަމުގައި ދިރިއުޅޭ ޖަނަވާރު , ދޫނިސޫފާސޫފި , އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރަށެވެ. އަދި މި ބިލުގައިވަނީ ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނެ އަސާސީ ޝަރުތުތަކެއް ކަނޑައަޅައި ބަޔާންކޮށްފައެވެ. އެގޮތުން , އެ ޖަނަވާރަކީ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން , އެ ޖަނަވާރު އެތެރެކުރަނީ އިމްޕޯޓުކުރަން ހުއްދަކުރާ ބޭނުމަކަށް ކަމުގައިވުން , އެ ޖަނަވާރު އެތެރެކުރަނީ ގާނޫނު ހުއްދަކުރާ ޚާއްސަ ބޭނުމަކަށް ކަމުގައިވުން ހިމެނެއެވެ..
ބިލުގައި ވާގޮތުން ޖަނަވާރަކަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފި ނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދެއްގެ ޖުރިމަނާއެއް ހިމަނާފަ އެވެ. އަދި ޤަވައިދާ ހިލާފަށް ޖަނަވާރު އިމްޕޯޓު ނުވަތަ އެކްސްޕޯޓުކޮށްފި ނަމަ 500،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެކަމަށް ވެއެވެ. މިއާއި އެކު ޤާނޫނާއި ހިލާފަށް ޖަނަވާރު އާލާކޮށް އެ ގެންގުޅެ ސާމްޕަލް އޮޅުވާލައިފި ނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާގެ އަދަދަކުން ޖުރިމަނާއެއް ކުރެވޭނެކަމަށް ވާއިރު. ޖަނަވާރެއްގެ ސަބަބުން ބައްޔެއް ފެތުރޭފަދަ އަމަލެއް ހިންގައިފި ނަމަ އެ މީހަކު 10،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެއެވެ.
މިބިލުގެ ސަބަބުން ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސާ އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިވެގެންދާނެކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ.މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ.

































