މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފަށާ ގޮތައް އެކެޑެމިކް ކަލަންޑަރު އާންމު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކުރި އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުގައި އޭޕްރީލް 7 ވަނަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު، ޓީޗަރުން އެ މަހުގެ ފަސްވަނަ ދުވަހު ސްކޫލަށް ނުކުންނަން ޖެހެއެވެ.
ކަލަންޑަރުގައިވާ ގޮތުން، ދެވަނަ ޓާމު ނިމެނީ މިއަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށެނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުވަރީ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަލަންޑަރުގައިވާ ގޮތުން، ދަރިވަރުންނަށް މިއަހަރުގެ ފުރަތަމަ ޓާމުގައި މިޑް ޓާމް ބްރޭކެއް ނުލިބޭނެ އެވެ. އެގޮތަށް ހަދާފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ގޮތަށް ހެދުމަށެވެ.
މިއަހަރުގެ ރޯދަ މަހަކީ ދެވަނަ ޓާމް ޓެސްޓް ނިމި، ދިރާސީ އާ އަހަރުގެ ކުރިން ދަރިވަރުންނަށް ލިބޭ ބޮޑު ޗުއްޓީ އެވެ.
ރާއްޖޭގެ ތާރީހުގައިވެސް ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީ މަހުގައެވެ. ދިރާސީ އާ އަހަރު ބަދަލުކުރެވުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ. ބަލިމަޑުކަމުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާގޮތަށް ނިންމާފައެވެ. މި ނިންމުމާއި ގިނަ ރައްޔިތުން އޭރު ނުރުހުން ވެސް ފާޅުކުރިއެވެ.
ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

































