ރަމަޟާން މަހަށް ދިވެހި ރައްޔިތުންނަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ފެށީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެވުނު އިރު، ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ ދިޔައެވެ.
މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާކަން މިނިސްޓްރީން ފާހަގަ ކުރައްވައެވެ.
ރަމްޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގޮސްފައިމިވަނީ އަހަރުތަކެއް ފަހުންނެވެ.

































