ރާއްޖޭއަކީ ވަކި ރަށް ތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެއް ކަމަށްވާތީ ކޮންމެ ރަށެއްގައި ވެސް އަސާސީ ޚިދުމަތްތައް ހުންނަން ޖެހެއެވެ. އެންމެ ފަހުން ބޯހިމެނުމުގެ ހިސާބު ތަކުން ދައްކާ ގޮތުން މީހުން ދިރިއުޅޭ 187ރަށުގެ ތެރެއިން %27 ރަށުގެ އާބާދީ 500އަށް ވުރެ މަދެވެ. ކޮންމެ ސަރުކާރެއްގެ ސިޔާސަތަކީވެސް ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީ ކުރުމެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު މަދު ނަމަވެސް އާބާދީ ގިނަ ރަށްތަކާ އެއްފަދައިން ވަސީލަތްތައް ޤާއިމު ކުރުމަކީ މިއަދު ކުރަން މަޖުބޫރު ވެފައިވާ ކަމެކެވެ. ޚިދުމަތް ހޯދާނެ ބަޔަކު ނެތް ނަމަވެސް ޓާރސަރީ ހޮސްޕިޓަލްއާއި ޒަމާނީ އުސްއިމާރާތް ހިމެނޭ ސްކޫލާއި އެންމެ ޒަމާނީ ކުޅިވަރު ދަނޑުތައް ބިނާ ކޮށްދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.
މިއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް އިސްލާހް ތަކެއް ގެނައުމުގެ ޚިޔާލާއި މަޝްވަރާ ހިނގަމުން ދާ ދުވަސްވަރެއް ކަމަށްވާތީ އަދި ރަށްރަށުގެ ކައުންސިލްތައް ހިންގުމުގައި ޚަރަދު ބޮޑު ކަމަށް ދެކެވޭ ވަގުތެއްގައި އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޤާނޫނަށް ޖެހޭނެ އެންމެ ރަގަޅު ބަދަލްއަކީ ރަށެއްގައި ދިރިއުޅޭ މީހުންގެ އަދަދު އެކަށީގެންވާ އަދަދަކަށް ވުރެ މަދުވެއްޖެނަމަ، (މިސާލަކަށް 200މީހުންނަށް ވުރެ) އެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާ އެރަށެއްގެ ރައްޔިތުން ބިންބޮޑު ދިރިއުޅުން ފަސޭހަ އެކަށީގެންވާ އާބާދީއެއް އޮތްތަނަކަށް ބަދަލު ކުރުމެވެ. އެގޮތަށް ބަދަލު ކުރަން ޖެހޭ ފަރާތްތައްތަކަށް ހިލޭ ބޯހިޔަވަހިކަމާއި ޚިދުމަތް ދިނުމެވެ. މިގޮތުން މާލެ ސަރަހައްދުން ، ރަސްމާލެ ނުވަތަ ދިރިއުޅެން ފަސޭހަ އަތޮޅުތެރެއިން ތަރައްޤީ ކުރާ ޞަރަހައްދަށް ބަދަލް ކުރުމަކީ އަތޮޅުތެރޭގެ އާބާދީ މަދު ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަގަށްޓަކައި އެޅިގެންދާނެ ހެޔޮ ބަދަލެއް ކަމުގައި ދެކެމެވެ. ކުޑަ ރަށެއް ބޮޑުރަށެއް ބެލުމެއް ނެތި 200މީހުން ވެސް ދިރި އުޅެމުން ނުގެންދާ ރަށްރަށުގައި ކުރާ ޚަރަދު ތަކުގެ ސަބަބުން ރައްޔިތު މީހާއަށް ލިބޭ ފަސޭހައެއް ނެތެވެ. މިއަހަރުވެސް މާލެ ސަރަހައްދުގެ ސްކޫލުތަކަށް އެތައް ކުދިންނެއް އަތޮޅު ތެރެއިން ބަދަލް ވެފައި ވެއެވެ. މިއީ ކޮންމެ ކުއްޖަކީ އާއިލާ އެއް ކަމަށްވާތީ އަތޮޅު ތެރެ ރަށްރަށް މިއަދު މިސްރާބު ޖަހާފައި ވަނީ ފަޅު ވުމަށެވެ. މިކަން އެންމެ ފަހުން ބޭއްވި ބޯހިމެނުމުގެ ހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.
މީސްކޮޅު މަދު ރަށްރަށުގައި ކައުންސިލްތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ދައުލަތަށް ވަރަށް ބޮޑު މާލީ ތަކުލީފެއް ކުރިމަތި ވެފައި ވެއެވެ. ހަމަ އެއާއި އެކު މީސްކޮޅު މަދު ރަށްރަށުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ލިބެންޖެހޭ ފުރިހަމަ ތަޢުލީމީ ފުރުޞަތުތައް ގެއްލިގެންދެއެވެ. ސަބަބަކީ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން ރަގަޅު މުދައްރިސުންނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ދަތިވާތީއެވެ. ދަރިވަރުން ތަރުބިއްޔަތަށް ބޭނުންވާ ޔުނީފޯމް ހަރަކާތްތައް ފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވާތީއެކު އެވެ. ހަމައެހެންމެ، ޞިއްޙީ ރަނގަޅު ޚިދުމަތް ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ރަށެއްގައި އުޅޭ މީހުންގެ އަދަދު މަދުވުމެވެ.
ތަރައްޤީ އާއި އާބާދީ އެއްފަސްކުރުމުގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ރަށްރަށުގައި ހުންނަ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވުމެވެ. މިއަދު ޞިއްޚީ މަރުކަޒު އަޅަން ނުވަތަ ސްކޫލެއް އަޅަން ރުއްގަސްތައް ކަނޑާ ހަދަމުން ދެއެވެ. 200 އެތައް ރުކެއް ކަނޑާފައި އެތައް މިލިއަނެއް ރުފިޔާ ޚަރަދު ކޮށްގެ އަޅާ ޞިއްޚީ މަރުކަޒުން ރަގަޅު ޞިއްޚީ ޚިދުމަތެއް ނުލިބި އަންނަން ޖެހެނީ މާލެއަށެވެ. ރަށްރަށުގެ ކުޅިތަކާއި ފަޅުތައް ހިއްކާ ގުދުރަތީ ވެށި ހަލާކު ވެދެއެވެ. ވީމާ އެ ރަށްރަށުގެ މީހުން ބިންބޮޑެތި އާބާދީ ސަރަޙައްދުތަކަށް ހިޖުރަކުރުމުގެ ފުރުޞަތު ދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން ސަރުކާރުގެ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން އާބަން އޭރިއާ ތަކެއް ކަނޑައަޅުއްވާ ، 500މީހުން އާބާދީގައި ރަޖިސްޓްރީގައި ނެތް ނުވަތަ ދިރިނޫޅޭ ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔަވަހި ކަން އެހެން ސަރަހައްދުތަކުން ހިލޭ ދިނުމަކީ ދެމެހެއްޓެނެވި ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުން އުޖާލާ ވުމަށް އޮތް ފަހި ފުރުޞަތެކެވެ. އެއީ އެއްގޮކަށްވެސް ދިވެހި ރާއްޖޭގެ ޖަޒީރާ ދިވެހި ރާއްޖެގެ ގޮތް ނެތިކޮށްލުމެއް ވެސް ނޫނެވެ.

































