ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފެނުން ބަނގުރާ އެއާޕޯޓު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނަށް ހަވާލުކުރި ބަނގުރާތައް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުން ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޖަނަވަރީ 28 ވަނަ ދުވަހު ނައްތާލާފައިވަނީ 101 ފުޅި ބަނގުރާ އަދި 62 ދަޅު ބަނގުރާ ކަމުގައެވެ. މި ތަކެއްޗަކީ 2023 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2025 ޖަނަވަރީ 7 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

































