އުމްރާއަށް މީހުން ނުގެންގޮސް، އޮޅުވާލައިގެން އެމްއެމްއޭއިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަންފަށައިފި އެވެ.
މިމައްސަލައާ ގުޅިގެން، އިސްލާމިކް މިނިސްޓްރީން ހަދާފައިވާ މީޑިއާ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ނަންތަކެއް މިނިސްޓަރ ޝަހީމް ހިއްސާކޮށްފައި ނުވެއެވެ.
މިނިސްޓަރ އިތުރަށް ހިއްސާކޮށްފައިވާނީ، އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި، އުމްރާއަށް ނުގެންދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީކުރަން ޕޮލިހަށް ފޮނުވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރ ހިއްސާކޮށްފައިވާ ގޮތުގައި ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭތީ ކަމަށްވެސް ވެއެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝަހީމުގެ މެސެޖުގައި ވަނީ ދީފަ އެވެ.
މިނިސްޓަރ ހިއްސާކުރެއްވި މައުލޫމާތުގައި އޮޅުވާލައިގެން ޑޮލަރު ހޯދީ ކޮން ކުންފުންޏެއްކަން ހާމަކޮށްފައިނުވެއެވެ.

































