އެމެރިކާގެ އަސްކަރިއްޔާއާ އެމްއެންޑީއެފް ގުޅުގެން ކުރިއަށް ގެންދާ ”އެކްސަސައިޒް ފްލޭޝް މެޓަލް 2025 – 7006“ އިއްޔެ ގިފުށީގައި ފަށައިފިއެވެ.
ޤައުމީ ދިފާޢީ ބާރުންބުނީ، އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒް ކުރިއަށްދާނީ އިއްޔެއިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ .އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ. އެގޮތުން މި އެކްސަސައިޒްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވެއެވެ. މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، މޭޖަރ މޫސާ ނިޔާޒުއެވެ.
މި އެކްސަސައިޒަކީ، އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ އެކްސަސައިޒްތަކުގެ ތެރެއިން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

































