ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވައިފިއެވެ. ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން އަންގަވައި ހަސަން ލަތީފް ވަނީ ޕާޓީގެ ނައިބު ރައީސަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވައިފައެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާގެ ސިޓީގައި ހާމައެއް ނުކުރައްވައެވެ.
ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަމުގެ އަޑު ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެކަމާމެދު އޭނާ އާންމުކޮށް ވަކި އެއްޗެއް ނުބުނެއެވެ.
ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އާއި އަދިވެސް އެޕާޓީގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތައް އެ ޕާޓީ ދޫކޮށްލައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ. ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސުން އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ ދެމެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދި، ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީ ދޫކުރުމަށްފަހުއެވެ.

































