އައު އަހަރު ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން ”ރިވެލި“ ފަށައިފިއެވެ.
ފުލުހުން ބުނީ، މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް، ވީ.ސީ.ޕީތައް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުތަކާއި ފޭސް 2 ގެ ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަހައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައިފާސްކުރުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުން އިތުރަށް ބުނީ، މި އޮޕަރޭޝަނުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަރަހައްދުތައްވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެމި އޮޕަރޭޝަން ފައްޓަވައި ދެއްވައި، މުވައްޒަފުންނާ މުހާތަބުކޮށް އޮޕަރޭޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ވިޝާމް ދެއްވި ވާހަކަފުޅުގައި މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުން އިތުރުކޮށް، ހުޅުމާލޭތެރެ ހަލަބޮލިވިޔަ ނުދިނުމަށާއި ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ތެރެ އަމާންކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި މިދުވަސްވަރަކީ ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ހަރަކާތްތައް އިތުރު ދުވަސްކޮޅެއްކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށްވެސް އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލީގެ ދަށުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، އެއަރޕޯޓް ޕޮލިސް އަދި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރޭވިފައިވާކަމަށް ޕޮލިހުން ބުނެފައި އެވެ.
.

































