ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ކުރީގެ ކޮންސްޓްކަންޝަން މިނިސްޓަރުކަން ކުރެއްވި މ. ދޫރެސް އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު ވަނީ އައްޔަންކޮށްފަ އެވެ .
މަޤާމަށް އައްޔަނު ކުރިކަން ހާމަކޮށްފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް ގެ ރަސްމީ “ އެކްސް “ އެކައުންޓުން މިއަދު ކޮށްފައިވާ ފޯސްޓެއްގައެވެ.

މަޢުރޫފު ޖަމީލަކީ ހުޅުމާލެ ތަރައްޤީ ކުރުމުގައިވެސް ކުރިން އިސްކޮށް އުޅުއްވި ތަޖުރިބާކާރު ހިންގުންތެރި ބޭފުޅެކެވެ. އަދި ރާއްޖޭ ހިރިގަލުގެ މިސްކިތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދިރާސާ ކުރައްވާ ފަންނީ ބޭފުޅެކެވެ. އަދި އެދާއިރާއިން މީހުން ބިނާކުރެއްވުމުގައި އާކިޓެކްޗަރުންގެ ޖަމިއްޔާއެއް ހައްދަވައިގެން މަސައްކަތްކުރައްވާ އިލްމީ ބޭފުޅެކެވެ.
އެޗްޑީސީ ގެ އެމްޑީގެ މަޤާމަށް މިގެނެވުނު ބަދަލަކީ ސަރުކާރުން ހިންގާ ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ޕްރޮޖެކްޓުގައި ކޮރަޕްޝަންގެ ބޮޑުމައްސަލައެއް މިފަހުން ތިލަވެގެންދިޔުމާއި އެކު، ފުލުހުން ފަށާފައިވާ ތަހުޤީޤަށް އެއްބާރުން ދިނުމަށް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މަޤާމުން ވަގުތީގޮތުން ދުރުކޮށްފައިވާ ވަނިކޮށް އެމަޤާމުން އޭނާ އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.

































