ކޮރަޕްޝަންއަކީ ތަނެއް ޙަލާކުވެ ފަސާދައަށް މަގު ފަހިވެގެން ދިއުމުގެ އަސްލު ކަމަށް އެންމެވެސް ޤަބޫލުކުރެއެވެ. ސަރުކާރު ތަކުގެ އެންމެ ބޮޑު ބަލިފަޔަކީ ކޮރަޕްޝަނާއި ފަސާދައެވެ. ވެރިންނާ މުއައްސަސާތަކާއި މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުމުގެ އަސްލަކީ ކޮރަޕްޝަނާއި ފަސާދައެވެ. ސަރުކާރުގެ އިދާރާއެއް ނުވަތަ ކުންފުންޏަކުން ކަމެއް ކުރެވެނީ އެކަން ކުރަން ތިބޭ ބަޔަކަށް ސަޔެއް ނުވަތަ ކޮންމެ ވެސް ހަދިޔާއެއް ދީގެން ކަމަށް ވާނަމަ އެއީ އެތަނަކާ މެދު އޮންނަ އިތުބާރު ގެއްލި ހަމަ ޖެހިފައިވާ ނިޒާމުން ބޭރުން ކަންކަން ކުރުމަށް މަގު ފަހި ވެގެން ދާނެ ކަމެކެވެ. އަމިއްލަ މީހާ ބޭނުންވާ ޚިދުމަތް ލިބޭނީ ސަރުކާރުގެ ނުފޫޒު އޮންނަ ފަރާތެއް އަތެއް އޮވެގެން ޤަބޫލު ކުރެވެނީ އެނޫން ގޮތަކަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާތަނަކުން ޚިދުމަތެއް ނުލިބޭތީ ނުވަތަ އަވަސް ވާނެ ގޮތެއް ނެތީމައެވެ. މިކަމުގެ ސަބަބު ސަރުކާރާ މެދު ރައްޔިތުން އިތުބާރު ގެއްލި، އާއްމު ރައްޔިތު މީހާ ނިކަމެތިވެ، ޚިދުމަތުގެ ފެންވަރު ދަށްވެ، ފަޤީރުން އިތުރަށް ފަޤީރުވެ އުފެއްދުންތެރިކަން ދަށަށްގޮސް ގައުމަށް ލިބޭ އާމްދަނީ ވަކި ބައެއްގެ އަންބޮޑިއަށް މަހާ ލެވޭ އެއްޗަކަށް ވެގެން ދެއެވެ. ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކާއި މެދު ރައްޔިތުންގެ ނަފުރަތާއި ރުޅިވެރިކަން އުފެދުމުގެ އަސްލަކީ ކޮރަޕްޝަނާއި ފަސާދައެވެ. މިއަހަރު ތެރޭގައި ވެއްޓިގެން ދިޔަ ބަނގުލަދޭޝް ޝައިހް ޙަސީނާ ވެރިކަމަކީ ދިރިހުރި މިސާލެކެވެ. ވީމާ ސަރުކާރުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަދި ރައްޔިތުންނަށް އޮންނަ އެންމެ ބޮޑު ބިރަކީ ވެސް އެސަރުކާރުގެ މަޤާމުތަކަށް އިސް ކުރެވޭ ފަރާތްތައް އަވަހަށް މުއްސަދިވުމަށްޓަކައި ނަގާ ނާޖާއި ފައިދާ ތަކެވެ. ރައްޔިތުން ފާރަވެރި ވާން ޖެހޭ އެންމެ ބޮޑު ކަމަކީވެސް އެއީއެވެ. ސަބަބަކީ ރައްޔިތުންގެ ލޯބި ހޯދައިގެން ވެރިކަން ދެމެހެއްޓުމަށް ވުރެ ބޮޑަށް ބަލަނީ “ ސޯޓް ކަޓެއް“ ޖައްސައިގެން މުއްސަދިކަން ހޯދަން އުޅޭތީއެވެ.
ރާއްޖޭގައި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް އަޑު އިވި، ރައްޔިތުން ތިބީ ފޫހިވެފައެވެ. ވޭތުވެ ދިޔަ ގިނަ ސަރުކާރުތަކުން ކޮރަޕްޝަންގެ ހަޑިން ސާފު ވެފައިވާ ތަނެއް ދިވެހިންނަށް ފެނިފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ވެރިންނާ މެދުގައި ރައްޔިތުން މާޔޫސްވެފައެވެ. ފަހަކަށް އައިސް ކޮންމެ ވެރިކަމެއްގެ ސިއްކަ ޖެހުމުގެ އަސްލަކަށް ވެފައި ވަނީ އެތެރޭގެ ކޮރަޕްޝަނެވެ. އެހެން ވުމުގެ ސަބަބުން އަލަށް އަންނަ ކޮންމެ ސަރުކާރަކަށްވެސް ކުރަން ޖެހޭ ފުރަތަމަ ކަމަކީ ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން ތަހްޤީޤުކޮށް ފިޔަވަޅު އަޅާ ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރުމެވެ. ދެން ކުރަން ޖެހޭ ކަމަކީ ކޮރަޕްޝަން އަމަލު ހިންގާ ޚިޔާނަތް ތެރިވެފައި ވާ ކަމަށް ސާބިތުވެ ކުރީގެ ސަރުކާރުން ޖަލަށް ލާފައި ތިބި މީހުން ކުށެއް ނެތްކަމަށް ނިންމާ މައާފު ދިނުމެވެ. އެފަދަ މީހުން ރާއްޖޭ އާއި ރާއްޖެއިން ބޭރުގައި އަރާމު މުއްސަދި ދިރިއުޅުން އުޅެވޭނެ މަގު ފަހިކޮށް ދިނުމެވެ. ކޮރަޕްޝަނާ ފަސާދަ ހުއްޓުވާ ރައްޔިތުންނަށް ހެޔޮ ވެރިމަކެއް ކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ކޮމިޝަންތަކާއި ބޯޑުތަކާއި ޤާނޫނުތަކާއި ޤަވާއިދުތައް ރާއްޖޭގައި އޮތް ނަމަވެސް ދިވެހިންގެ ހިތަށް ލިބޭ ހަމަ ޖެހުމެއް ނެތޭ ދެންނެވި ނަމަވެސް ކުށަކަށް ނުވާނެއެވެ.

































