ދައުލަތުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯގެ މަގާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ.
ވިޓާލީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަގާމަށް އަހުމަދު ނާސިރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިއީ ވިޓާލީގެ ދައުރުގައި ކުންފުނީގެ އިސް މަގާމަކަށް ގެންނެވި ފުރަތަމަ ބަދަލުކަން ފާހަގަކޮށް، އެތަކެއް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ނާސިރަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވަނީ އާ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސީދާ ސީއީއޯގެ އިރުޝާދުގެ ދަށުން މަސައްކަތްކޮށް، މިފްކޯގެ ހުރިހާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން ފުރިހަމައަށް ވަޒަންކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ އަމާޒަކީ މިފްކޯގެ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ ހަމައަށް ވާސިލްވުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ބަޔާނުގައި ބުނި ގޮތުގައި ނާސިރުގެ ބަދަލުގައި އެ މަގާމަށް ކުރިމަތިލީ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން ކުންފުނީގެ ބޭރުން އެކި ގޮތްގޮތުން ސިޔާސީ ނުފޫޒު ފޯރުވަން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ވިޓާލީ ވަނީ މިކަމާ ދެކޮޅަށް ތެދުވެވަޑައިގެން، ކުންފުނީގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިޔާސީ ފަރާތްތަކުގެ ނުފޫޒު ކުންފުނިތަކުގެ ކަން ކަމަށް ފޯރުވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. ވަޒީފާއެއް ވިޔަސް އަދި އަދި އެހެން ކަމެއް ވިޔަސް ހަމަ ޖެހެނީ ދައިރާގެ މެމްބަރު ކައިރި އާދޭސްކޮށްގެން ކޮށްގެން ކަމަށާއި ނުވަތަ ކުންފުނީގެ ވެރިއެއްގެ ގާތްމީހަކަށް ނުވަތަ ރައްޓެއްސަކަށް ގުޅައިގެން ކަމަށް ރައްޔިތުން ޤަބޫލް ކުރެއެވެ. ކަމެއް އަވަސް ކުރަން ބޭނުންނަމަ އެކަމެއް އަވަހަށް ވަނީ “ ކަޓެއް “ ދީގެން ނުވަތަ ސިޔާސީ ކޮންމެވެސް މީހަކާ ގުޅައިގެން ކަމަށް ރައްޔިތުން ދެކެއެވެ. ނަމަވެސް މިފްކޯގެ އައު ސީއީއޯ މިވަނީ މިކަމަށް ޖާގަ ނެތްކަން ހާމަ ކުރައްވާފައެވެ. ވީމާ އައު ސީއީއޯއަށް މަޤާމުގައި މާގިނަ ދުވަހު ނުހުރެވޭނެ ކަމަށް ބެއެއް ޢާއްމު ފަރާތްތަކުން ޤަބޫލު ކުރެއެވެ.

































