ގްރީނިންގ އެޑިޔުކޭޝަން އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭ މުހިންމު ވޯކްޝޮޕެއް އިއްޔެ ޢީމާދުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.
ތަޢުލީމީ ވުޒާރައިން ބުނީ، އައިސެސްކޯގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން ދަނީ އައިސެސްކޯގެ ގްރީން އެޑިޔުކޭޝަން ފްރޭމްވޯކްގައި ޔުނެސްކޯގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ތައުލީމީ ނިޒާމުގެ ތެރެއަށް ދެމެހެއްޓެނިވި އާދަތައް އެކުލަވާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންކަމުގަ އެވެ. މިގޮތުން، އުނގަންނައިދިނުމުގައި ތިމާވެށްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމާއި، ސްކޫލު މާޙައުލުގައި ޙަރަކާތްތެރިވާ ފަރާތްތައް އަދި މުޅި މުޖުތަމައުއަށް ތިމާވެށްޓާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީ، ތިމާވެށި ރައްކާތެރިކުރުމާމެދު ޒިންމާދާރުކުރުވުން ހިމެނެއެވެ.
މި ވޯކްޝޮޕްގައި ދެމެހެއްޓެނިވި ލަނޑުދަނޑި 4 ހާސިލުކުރުމުގައި ގްރީން އެޑިޔުކޭޝަންގެ މުހިންމުކަމާއި، ސްކޫލުގައި ހިންގޭ އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ތިމާވެއްޓަށް ހިތްޖައްސުވައި، ލޯބި އުފެއްދުމުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރީން ޒިންމާދާރުކުރުވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ހިޔާލު ބަދަލުކުރެވުނެވެ. އަދި ސްކޫލުތަކުގައި ފެހި މަދަރުސާގެ ދަށުން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.ެ ޚާއްޞަ މަފްހޫމުތަކާއި މަޢުލޫމާތުތައް ހިމެނޭނެ ގޮތަށް ބައްޓަންކުރެވިފައިވެއެވެ.
މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވީ އައިސެސްކޯގެ އެޑިޔުކޭޝަން ސެކްޓަރ ހެޑް ޑރ. ހަދީ ޖަތައު ސޭ އަދި އައިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓް ވަގަސް ނާސިރު އަފްރިދީ އެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސެސްކޯ) ގުޅިގެން ޢިމާދުއްދީން ސްކޫލުގައި ބޭއްވި މި ވޯކްޝޮޕްގައި ސްކޫލުތަކުގެ އިސްވެރީންނާއި މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

































